ގާތް ރައްޓެއްސަކާއެކު "ކޮފީއެއްގައި އިންދާ" އޭނާ ބުނެލި ޖުމުލަކައަކަށް އަހަރެންނަށް "ރިއެކްޓް" ނުކުރެވެނީސް އޭނާ އަނެއްކާވެސް ވާހަކަ ފެށިއެވެ. އޭނާ ބުނީ "ރާއްޖޭގައި ޓިކްޓޮކް "ބޭން" ނުކޮށް ވާކަށް ނެތް" ކަމަށެވެ. "އެހެން މިބުނީ، އާއިލީ މައްސަލަތަކާ، ދެމަފިރިންގެ އަރާރުންވުންތަކާ ރަށްޓެހިންގެ ތެރޭ ހިނގާ ޒުވާބުތައްވެސް މިހިންގާލަނީ ޓިކްޓޮކް ލައިވްގަ." އޭނާ ބުނެލިއެވެ.
އެބުނީ ހަމަ ތެދެކެވެ. ހުރިހާ އެންމެންގެ ވާހަކައެއް ނޫނެވެ. ދިވެހީންގެ ތެރެއިން ޓިކްޓޮކް ބޭނުންކުރާ ބައެއް މީހުންގެ "ކުޅަނދުމަދޭ" ބުނާހާ އެމީހުންގެ އަމަލުތައް ގޯހެވެ. އަހަރެންވެސް ގަބޫލުކުރާ ގޮތުގައި ކަންކަން ގޯހުންގޯހަށް ނުދަނީސް ރާއްޖޭގައި މިޕްލެޓްފޯމް "ބޭން" ކުރުން ބުއްދިވެރިއެވެ. މުޅި މުޖުތަމައުގެ މަސްލަހަތާއި ހަމަޖެހުމަށް ނުކޮށް ދޫކޮށްލާ ވަރު ކަމެއް ނޫނެވެ. ނޫނީ ކައިރި މުސްތަގުބަލެއްގައި މިއީ ބޮޑު ގައުމީ މައްސަލައަަކަށް ވުން ގާތެވެ. ކޮޅުމަތި އެބަ ފެނެއެވެ.
ދެމަފިރިން ވަރިކުރަނީވެސް ޓިކްޓޮކްގައެވެ. އަނބިމީހާއި ފިރިމީހާ ޒުވާބުކޮށް އަރާރުންވާ މަންޒަރު ލައިވްކޮށް މުޅި "އުންމަތަށް" ޓިކްޓޮކް މެދުވެރިކޮށް ދައްކަނީއެވެ. ރަށްޓެހިންގެ ތެރޭ އުފެދޭ ނުތަނަވަންކަމާއި ހިތްހަމަނުޖެހުން ބޭރުކޮށްލަނީވެސް ޓިކްޓޮކްގައެވެ. އާއިލީ މައްސަލަތައް ހުށަހަޅާ "ކޯޓަކަށް" ޓިކްޓޮކް މިވަނީ ވެފައެވެ. ފުކެއް ބޮޑުވަރު ނޫންތޯއެވެ.
މިހާރު ދުނިޔޭގެ އެތައް ގައުމެއްގައި ޓިކްޓޮކް "ބޭން" ކޮށްފިއެވެ. ސަބަބުތަކެއް ހުރީމާ ނޫން ހެއްޔެވެ؟ ގިނަ ގައުމުތަކުގައި އެކަން ކުރީ ކޮންމެހެން ރާއްޖޭގައި މިހިނގާ ފަދަ ކަންކަން ހިނގާތީއެއް ނޫނެވެ. އޮސްޓްރެލިއާގައި އެންކުރީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ބުނެއެވެ. އޮސްޓްރެލިއާގެ އެޓާނީ ޖެނެރަލް މާކް ޑްރައިފަސް ވިދާޅުވީ އެ ގައުމުގެ ޖާސޫސީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް އެނިންމުން ނިންމީ ކަމަށެވެ. އޮސްޓްރޭލިއާގައި ޓިކްޓޮކް ބޭންކޮށްފައިމިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ނިއުޒިލޭންޑްގައިވެސް އެ ޕްލެޓްފޯމް ބޭންކޮށްފައި ވަނިކޮށެވެ. ފްރާންސާއި ނެދަލޭންޑްސްއިން ވެސް ވަނީ އެފަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ގައުމުގެ ސަލާމަތަށް އޮތް ނުރައްކާ ބޮޑުވެދާނެ ކަމަށް ބަލައި އަވަށްޓެރިން އިންޑިއާއިންވެސް ޓިކްޓޮކް މަނާކޮށްފިއެވެ.
ދިވެހިންނަކީ ޓެކްނޮލޮޖީއާ ވަރަށް ދެޔޮޅު ބައެކެވެ. ޓެކްނޮލޮޖީއާ ރައްޓެހިވި މިންވަރު ބަލާށެވެ. އޭގެ ސަބަބުން ނާތަހުޒީބު ކަންކަންވެސް އާންމު ވެއްޖެއެވެ. ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް މެދުވެރިކޮށް ބޭއަދަބީ ފޮޓޯތަކާއި ވީޑިއޯތައް ފޮނުވުމާއި، އެތަކެތި ރެކޯޑުކޮށް ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ދައުރު ކުރުވުމުގެ މައްސަލަތަކެވެ. އެކަކު އަނެކަކު ފަލީހަތްކޮށްލުމަށް ޒާތްޒާތުގެ އުކުޅުތައް ބޭނުންކުރުމާއި، ފޭރުމެވެ. ސޯޝަލްމީޑީއާގެ ހަގީގީ މަގުސަދު ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގެއެވެ.
ޓިކްޓޮކް ފަދަ އެޕްތަކުގެ ބޭނުމަކީ މުޖުތަމައުތައް ގުޅުވައިދިނުމެވެ. ފަރުދުން އެކަކު އަނެކަކާ ގުޅުވައިދިމެވެ. ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމެވެ. މުއާސަލާތު ކުރުމެވެ. ކަންކަން ހިއްސާކުރުމެވެ. ގޯސް ކަންކަން ނަހީކޮށް ހެޔޮ ކަންކަމަށް ބާރު އަޅައި ހެޔޮ ފެތުރުމެވެ.
ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފިދާނެއެވެ. އެކަމަކު ގިނަ ބަޔަކު އޭގެ ނާޖާއިޒް ފައިދާ ނަގާ ނަމަ އެޕްލެޓް ފޯމްތައް މުޖުމަތަމައުގެ ހެވާއި ލަބަޔާއި މަސްލަހަތަށްޓަކާ ނަމަވެސް މަނާކުރަންޖެހެއެވެ. އެ ނޫން ގޮތެއް ނެތެވެ.
ޓިކްޓޮކް އަކީ ވަރަށް މުހިންމު ބޭނުންތެރި ޕްލެޓްފޯމެއް ރަނގަޅު ގޮތުގަ ބޭނުންކުރަން އެނގޭ މީހުންނަށް. ބޭން ކުރާކަށް ނުޖެހޭ
ތި ޓިކްޓޮކް ބޭންކުރި ގައުމު ތަކަކީ އެމެރިކާގެ ފަހަތުން އެންބުރޭ ގައުމުތައް ޗައިނާގެ އެއްޗެއްވީމަ ހަޖަމުނުވެގެން ކުރި ކަމެއް