ފަލަސްތީނު މީހުންނަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށްޓަކައި، އިންޑިއާއިން މަސައްކަތްތެރިން ގެންދަން، އިސްރާއީލުން އިންޑިއާއާއެކު އެއްބަސްވުން ހަދައިފިއެވެ.
މިއީ، އިސްރާއީލުގައި ކޮންސްޓްރަކްޝަން ދާއިރާއާއި، ނަރުހުންގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނު މީހުން ވަޒީފާއިން ދުރުކޮށް، އިންޑިއާ މީހުން އެ ވަޒީފާތަކަށް ގެނައުމަށް އިސްރާއީލުން ނިންމި ނިންމުމެކެވެ.
އިސްރާއީލާއި އިންޑިއާއާ ދެމެދު މިކަމާ ގުޅޭގޮތުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުރަތަމަ ގެނެވޭ 10،000 މަސައްކަތްތެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ގެންނަނީ ކޮންސްޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރުމަށެވެ.
ބާކީ ހުރިހާ އެންމެންނަކީ ނަރުހުންގެ ގޮތުގައި ވަޒީފާ އަދާކުރުމަށް ގެންނަ މީހުންނެވެ.
އެއްބަސްވުމުގައިވާ ގޮތުން، އިންޑިއާއިން ގެންނަ މަސައްކަތްތެރިންގެ ތެރެއިން ފުރަތަމަ ގެންނަ 5،000 މީހުން މިއަހަރު އިސްރާއީލަށް ދާނެއެވެ.
އިސްރާއީލުގެ ޕޮޕިއުލޭޝަން އެންޑް އިމިގްރޭޝަން އޮތޯރިޓީން ބުނެފައިވަނީ، އިންޑިއާއިން ގެންނަ މަސައްކަތްތެރިންނަކީ، މަސައްކަތުގެ ތަޖުރިބާހުރި އަދި އިނގިރޭސިބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގޭ މީހުން ކަމަށެވެ.
ފަލަސްތީނުގެ މަސައްކަތްތެރިންނަށް ބަރޯސާވުން ކުޑަކުރުމަށް އިންޑިއާއިން މަސައްކަތްތެރިން ހޯދުމަށް އިސްރާއީލުގެ މިނިސްޓަރުންގެ ވަފުދެއް އިންޑިއާއަށް ދަތުރުކޮށްފައިވަނީ މިއަހަރުގެ މާޗްމަހުއެވެ.
އިންޑިއާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވަނީ އެ ދަތުރަށް ފަހުގައެވެ.
ފަލަސްތީނުގެ މަސައްކަތްތެރިންނަކީ، ޚާއްސަކޮށް އިސްރާއީލުގެ ކޮންސްޓްރަކްޝަން ސިނައަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މިފަހުގެ އަހަރުތަކުގައި، އިސްރާއީލުގައި މަސައްކަތްކުރާ ފަލަސްތީނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް "ވޯކަރސް ވޮއިސް" އިން ރިޕޯޓްކޮށްފައި ވެއެވެ.
އިސްރާއީލުގައި މަސައްކަތްކުރާ ބޭރު މަސައްކަތްތެރިންގެ އެންމެބޮޑު އާބާދީއަކީވެސް ފަލަސްތީނު މީހުންނެވެ.
2020 ވަނަ އަހަރު އެކަނިވެސް ދާއިމީ މަސައްކަތްތެރިންގެ ގޮތުގައި ފަލަސްތީނުގެ 80،000 މީހުން އިސްރާއީލުގައި މަސައްކަތް ކުރަމުންދިޔަ ކަމަށާއި، އޭގެތެރެއިން 60،000 މީހުންނަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރަމުންދިޔަ މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އިސްރާއީލުގައި މަސައްކަތްކުރާ އެހެން ގައުމުތަކުގެ މީހުންގެ ތެރޭގައި، ޗައިނާ އަދި ފިލިޕީންސް މީހުންވެސް ހިމެނެއެވެ.
އިސްރާއީލުގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާއިން މަސައްކަތްތެރިން ގެންނަން އިސްރާއީލުން ނިންމީ، އިސްރާއީލުގެ ތެރޭގައި ސަލާމަތަށް ނުރައްކާވާ ހާދިސާތައް ހިނގުމާއި، ފަލަސްތީނު މީހުންނާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގާ ކުރިމަތިލުންތަކާއި، ފަލަސްތީނު-އިސްރާއީލުގެ މައްސަލަތަކަށް ސިޔާސީ ހައްލެއް ނުފެނި ދިގުލައިގެންދާތީއެވެ.
އިސްރާއީލުގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އަދި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރުމަށް އިންޑިއާއިން، އަހަރުތަކަކަށް ބަހާލައިގެން 42،000 މީހުން ގެންދިއުމަށް އިސްރާއީލާއި އިންޑިއާ ސަރުކާރާ ދެމެދު މިމަހުގެ ކުރީކޮޅު ވަނީ އެއްބަސްވުމެއް ހަދާފައެވެ.