މިފަހުން ރާއްޖެ ދުށް ކާމިޔާބީތަކުގެ އަސްލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ރިޔާޒު ރަޝީދު މިފަދައިން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ "ކުނޫޒް" ގައި ބޭއްވި "ކާމިޔާބުގެ ސައްލާ، ފަށަމާ ހޭވައްލާ" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރިޔާޒް ވިދާޅުވީ ދިވެހިރާއްޖެ މިހާރު މިއޮތް ހާލަތުން އެހެން ހާލަތަކަށް ގެންދަން މަސައްކަތްކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ޤާސިމް އިބްރާހީމަށް ކަމަށެވެ. ސަބަބުތައް ވިދާޅުވަމުން އޭނާ ވިދާލުވީ، ރާއްޖެ މިފަހުން ދުށް ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ޤާސިމް އިބްރާހީމް ކަމަށެވެ.

އެމަނިކުފާނުގެ އާއިލާއަށް ބެލިކަމުގައި ވިޔަސް ފެންނަނީ ކާމިޔާބީގެ ނަމޫނާކަން ފާހަގަކުރައްވައި، ރިޔާޒް ވިދާޅުވީ، ހެޔޮ ގޮތުގައި އާއިލާއެއް ބިނާކުރައްވައި، ހެޔޮ ލަފާ ޤާބިލް ދަރިންތަކެއް ޤާސިމް އިބްރާހީމް ބަލައިބޮޑުކޮށްފައިވާ ކަމަށާއި މިހާރު އެމަނިކުފާގެ ވިޔަފާރި ހިންގެވުމުގައި ތިބީ ދަރިން ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ޤާސީމް އިބްރާހިމަކީ ވިޔަފާރިީގައި ކުރިމަތިލެއްވި ކޮންމެ ދާއިރާއަކުން އެންމެ ކުރި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ ގޭސް ކާރުހާނާއިން ކައްކާ ގޭސް ފޯރުކޮށްދެއްވަމުން އަންނަ ކަމަށާއި އެންމެ ބޮޑު ތެލުގެ ރިޒާވެއް އޮތީ [ވިލާގެ] ތެޔޮ ޕްލާންޓްގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމްގެ ރިސޯޓް ވިޔަފާރިވެސް އޭނާ ފާހަގަކުރެއްވިއެވެ. 1988 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަންނަވައި، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމްވެވަޑައިގަތެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ "އާސަންދަ" އާއި "މަދަނަ" ވުޖޫދުވުމުގެ ކުރިން ޤާސިމް އިބްރާހީމްގެ ޚަރަދުގައި ދިވެހިންނަށް ބޭސްފަރުވާކޮށްދެެއްވިކަމަށެވެ.

ރާއްޖެއިން ބޭރަށް ދިވެހީން ފޮނުއްވައިގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކޮށްދެއްވުމުގައި އެންމެ ދިގުމުއްދަތެއް ހޭދަކުރެއްވި އަމިއްލަ ފަރުދަކީ ޤާސިމް އިބްރާހީމެވެ. ރާއްޖޭގައި އިންސާނިއްޔަތަށް ޚިދުމަތްކުރާ ފައުންޑޭޝަނެއް ފުރަތަމަ އުފެއްދެވީވެސް އެމަނިކުފާނެވެ.

ރިޔާޒް ވިދާޅުވީ ނިދާފައި އޮއްވާ މީހަކު ގޮވާލާފައި ބުންޏަށް ޤާސިމް އިބްރާހީމަކީ ކާކުކަން ކިިޔައިދޭނެ ކަމަށެވެ.

ދިވެހީންނަށް ޕީއެޗްޑީ އެނގުނީ ޤާސިމް އިބްރާހީމްގެ ޚަރަދުގައި އެތައް ދިވެއްސަކަށް އެސަނަދު ނެގުމަށް އެހީތެރިވެދިނުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހި ދަރީންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވަން ފެށްޓެވީ ޤާސިމް އިބްރާހީމެވެ.

ލިބޭ އާމްދަނީގެ 60 ޕަސެންޓް ހަރަދަކުރަނީ ގައުމު ބިނާކުރާށޭ ވިދާޅުވާނެ ޤާސިމް އިބްރާހީމް ނޫން ވިޔަފާރިވެރިޔަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާސްކަނޑާލާ، ހަމަޖެހޭނެ"އޭ ޤާސިމް އިބްރާހީމް އެ ވިދާޅުވީ ވަރަށް ބޮޑު ވާހަކައެއް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މުނިފޫހިފިލުވުމާއި ހަވާ އެރުވުން ފަދަ ހަރަކާތްތަކާއެކު "ފުރަވީރުން"ގެ ނަމުގައި ޖުމްހޫރީ ޕާޓީން ބޭއްވި ބޮޑު ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.

އެ ހަރަކާތަށް ހުޅުމާލޭ ސެންޓްރަލް ޕާކަަށް ވަޑައިގަތް ޒުވާނުންނާ ވާހަކަ ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ މުސްތަގްބަލަކީ ކުރިމަތިން ފެންނަން ތިބި ޒުވާނުންނާއި ކުޑަކުދިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޒުވާނުންނަށާއި ކުޑަކުދިންނަށް ރާއްޖެ ވާސިލްކޮށްދޭން ޖެހޭނީ ކާބަފައިން ރާއްޖެ މިއަދަށް ވާސިލްކޮށްދިން ގޮތަށް، އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާ އެކީގައެވެ.

އަބަދުވެސް މަސައްކަތްކުރައްވަނީ ރާއްޖެ ތަރައްގީކޮށް ކުރިއެރުވުމަށް ކަމަށާއި، އެ މަސައްކަތް ކުރެއްވުމުގައި ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިންނާ އެކު އަބަދު ވެސް ހުންނަވާނެ ކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.