އޯލެވެސް އިމްތިހާނުގެ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ދަށްވާކަމަށް ތަފާސްހިސާބުތަކުން ދައްކަނީ، ކުރިން ބޭނުންކުރި "އޮފްރޯލް" އުސޫލު މިހާރު ބޭނުންނުކުރާތީކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ނިމިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން 50 އިންސައްތަ ދަރިވަރިން ފާސްނުވާކަމަށް ބުނެ ނޫސްތަކުގައި ޝާއިއިކޮށްފައިވާ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދެއްވުމަށް އެދުމުންނެވެ.
ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދުގެ ތަފާސްހިސާބު ހަދާގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ކުރިން ތަފާސްހިސާބު ހަދާއިރު، ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ގުނާއިރު، ދަސްވާރަކީ ތިން މާއްދާގެ ގޮތުގައި، އަދި ބީޓެކްއަކީ ހަތަރު މާއްދާގެ ގޮތުގައި ބަލަމުން ދިޔަ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން އޭރު ފެންނަމުންދިޔައީ އަސްލު ނަތީޖާ ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ފާސްނުވާނެހެން ހީވާ ކުދިން ބާކީ ކުރުމުން އޭރު ފާސްވާ ނަތީޖާ ބޮޑުކޮށް ފެންނަކަމަށްވިޔަސް، މި ސަރުކާރުން އެކަން އެހެންކުރުން ހުއްޓާލީ، އެޑިއުކޭޝަން ސިސްޓަމްގެ އަސްލު މަންޒަރު ފެނިގެން މެނުވީ އެޔަށް ފަރުވާއެއް ނުހޯދޭނެކަން ގަބޫލުކުރާތީ ކަމަށެވެ. އެހެންކަމުން 2019 ވަނަ އަހަރުގެ ފަހުކޮޅު، ހުރިހާ ދަރިވަރުންވެސް 5 މާއްދާ ހެދުން މަޖުބޫރުކުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރ ވަނީ، ފާސްވާ އަދަދުތައް އިތުރުކުމަށްޓަކައި މިނިސްޓްރީން އިންޕްރޫވް ކުރަންޖެހޭ މާއްދާތަކަށް ލިޓްރަސީ ޕްރޮގްރާމެއް ފެށިކަންވެސް ފާހަގަކުރައްވާފައެވެ. އަދި ސްކޫލްވެހި ޕްރޮގްރާމްގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި، ވަކި ވަކި ސްކޫލްތަކާއި އެކު މިނިސްޓްރީން ތިން އަހަރުދުވަހު މަސައްކަތް ކުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އޭގެ ނަތީޖާ މިހާރު ފެންނަ ކަމަށާއި، އިނގިރޭސިން އަދި ހިސާބުވެސް ކުދިން ފާސްވާ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި، 2013 ވަނަ އަހަރު އޯލެވެލް އިމްތިހާނުގެ ފަސް މާދާއިން ފާސްވާ ނިސްބަތް 49 އިންސައްތާގައި ހުރިއިރު 2014 ވަނަ އަހަރު އެ ނިސްބަތްވަނީ 52 އިންސައްތައަށް މަތިވެފައެވެ.
އެއަށްފަހު 2015 ގައި 55.7 އިންސައްތައަށް މަތިވެފައިވާއިރު، 2018 ވަނަ އަހަރު އެ ނިސްބަތް ހުރީ ގާތްގަނޑަކަށް 70 އިންސައްތައިގަ ކަމަށް ތަފާސްހިސާބުން ދައްކައެވެ. 2017 ވަނަ އަހަރު 77 އިންސައްތައަށް ފާސްވާ ނިސްބަތް އަރާފައިވީ ނަމަވެސް މި ސަރުކާރު ވެރިކަމުގައި އެ ނިސްބަތް އަނެއްކާވެސް ވަރަށް ބޮޑަށް ދަށްވާން ފަށާފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.
އެގޮތުން 2019 ގައި އެ ނިސްބަތް 68.3 އިންސައްތައަށް ދަށްވެ، 2020 ގައި 66.4 އިންސައްތައަށް ދަށްވުމަށްފަހު، 2021 ގައި އެ ނިސްބަތްވަނީ 52 އިންސައްތައަށް ވެއްޓިފައެވެ.