މާލޭ ވޯޓަ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ހެޑް އޮފީސް ހިމެނޭ ސަރަހައްދުގައި ފެން ބޮޑުވީ ފެން ޕްލާންޓެއް ފަޅައިގެން ގޮސްގެން ނޫން ކަަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީއިން މިހެން ބުނެފައި މިވަނީ އެ ކުންފުނީގެ ހެޑް އޮފީސް ހުންނަ ބިމުގައި އަޅާފައިވާ ހޮޅިއަކުން ޕްރެޝަރުގައި މަގުމައްޗަށް ފެން ބޭރުވަމުން ދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާންމުކޮށްފައިވަނިކޮށެވެ.
މިކަމާގުޅިގެން ބައެއް ނޫސްތަކުގައި، އެމްޑަބްލިއުއެސްސީގެ ފެން ޕްލާންޓެއްް ފަޅައިގެން ގޮސް ޕްރެޝަރުގައި ފެން ބާރުވެ މަގުމަތީގައި ފެން ބޮޑުވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިކަން ދޮގުކޮށް އެމްޑަބްލިއުއެސްސީ އިން ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނީގެ ފެން ޕްލާންޓެއް ފަޅައިގެން ގޮސްފައި ނުވާ ކަމަށާއި، ފެން ޕްލާންޓް އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުމަތީގައި ފެން ބޮޑުވެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފެން އުފައްދާ ނިޒާމުގައި ހިމެނޭ ޗެމްބަރެއް އޯވަފްލޯ ވެގެން ކަމަށެވެ.
އަދި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި ފެން ލިބުމުގައި އެއްވެސް ދައްޗެއް ނުވާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނިއެވެ.