ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ މިއަދަށް 67 އަހަރު ފުރިއްޖެއެވެ.
1907 ވަނަ އަހަރު ދުނިޔޭގައި އުފެދުނު ސްކައުޓް ހަރަކާތް ދިވެހިރާއްޖޭގައި ތައާރަފްވެފައިވަނީ 30 މެއި 1956 ގައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ސްކައުޓް ހަރަކާތް ތައާރަފްކޮށްފައިވަނީ މާލޭގެ މަޖީދިއްޔާ ސްކޫލްގައެވެ. މަޖީދިއްޔާ ސްކޫލްގައި ސްކައުޓް ހަރަކާތް ތައާރަފް ކޮށްފައިވަނީ، މަޖީދިއްޔާ ސްކޫލްގެ އޭރުގެ ޕްރިންސިޕަލް އަބްދުﷲ ޖަލާލުއްދީނަށް، އޭރުގެ ބޮޑުވަޒީރު އިބްރާހިމް އަލިދީދީ އެކަމަށް އަމުރުފުޅު ދެއްވުމުންނެވެ. އޭރު މިހަރަކާތް މަޖީދިއްޔާ ސްކޫލްގައި ފެށްޓެވީ އެސްކޫލްގައި މަސައްކަތް ކުރައްވަމުން ގެންދެވި ސްރީލަންކާގެ ޓީޗަރުންނެވެ. އެ ޓީޗަރުންނަކީ، ސްރީލަންކާގައި ސްކައުޓް ހަރަކާތުގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންނެވެ. އެބޭފުޅުންގެ މަސައްކަތުން މަޖީދިއްޔާ ސްކޫލްގައި ހިންގަމުންއައި ސްކައުޓް ހަރަކާތް، އިނގިރޭސިވިލާތުގެ ލަންޑަންގެ ކައުންޓީއެއްގެ ގޮތްޕެއްގެ ގޮތުގައި، ލަންޑަންގައި ހުންނަ އިމްޕީރިއަލް ސްކައުޓް ހެޑްކްއާރޓަރުގައި ރަޖިސްޓަރީ ކުރިއެވެ.
ސްކައުޓް ޙަރަކާތުގެ ރާއްޖޭގެ އެންމެ ފުރަތަމަ ޕޭޓްރަންއަކީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހިމް އަލިދީދީއެވެ. ސްކައުޓް ކޮމިޝަނަރއަކީ، ސާހިބުއް ސައާދާ އިބްރާހިމް ނާސިރެވެ. ފުރަތަމަ ޗީފް ސްކައުޓަކީ އޭރުގެ ވަޒީރުލް މަޢާރިފް އޮނަރަބްލް އަލްމަރްހޫމް އިބްރާހިމް ޝިހާބެވެ. ސްކައުޓް މާސްޓަރަކީ އަލްމަރްހޫމް ބަންދު މުހަންމަދު ކަލޭފާނެވެ.
ސްކައުޓް ހަރަކާތް ރާއްޖޭގައި ބޮޑަށް ހިނގައިގަތީ، ރާއްޖޭގެ ތައުލީމީ ނިޒާމު އިނގިރޭސި މީޑިއަމަށް ބަދަލުކުރި ހިސާބުންނެވެ. އޭގެފެހުން ސްކައުޓް ހަރަކާތުގެ އެންމެ ފުރަތަމަ ޗީފް ކޮމިޝަރަކަށް ވެވަޑައިގެންނެވީ، ގ. ޕެންޒީމާގޭ އައްނަބީލް އަލްމަރްހޫމް ހަސަން އަލިދީދީއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން އެކުލަވާލައްވައި، ޝާއިއުކުރައްވާފައިވާ "ވިހިވަނަ ސައްތައަށް ބަލައިލުން" މިފޮތުގައި މި މައުލޫމާތުތައް މިގޮތަށް ބަޔާންކުރައްވާފައިވެއެވެ.
މޯލްޑިވްސް ބޯއި ސްކައުޓް އެސޯސިއޭޝަން އުފެދުމާއެކު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް، ގައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ޗީފް ސްކައުޓްގެ މަގާމު ގަބޫލުފުޅުކުރައްވައި، ދިވެހިރާއްޖޭގެ ފުރަތަމަ ޗީފް ސްކައުޓަށް ވެވަޑައިގެންނެވިއެވެ. ހަމައެއާއެކު ސްކައުޓް ހަރަކާތުގައި ކުރިންވެސް އުޅުއްވާފައިވާ ބޭފުޅެއް ކަމުގައިވާ، އޭރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއަރޒް ފަޟީލަތުއްޝައިޚް އޮނަރަބްލް އަލްމަރްޙޫމް އަޙްމަދު ޝާޠިރު، ޗީފް ސްކައުޓް ކޮމިޝަނަރގެ މަގާމަށް އިސްކުރެވުނެވެ.
މޯލްޑިވްސް ބޯއި ސްކައުޓް އެސޯސިއޭޝަން އުފެދުމާ ގުޅިގެން އެއެސޯސިއޭޝަނުން އެންމެ އިސްކަމެއް ދިނީ، ސްކައުޓް ލީޑަރުން އުފެއްދުމަށް ތަފާތު ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށެވެ. ނަތީޖާއެއްގެ ގޮތުން، މަޖީދިއްޔާ ސްކޫލް ފިޔަވައި، މާލޭގެ އެހެން ސްކޫލްތަކުގައި ސްކައުޓް ހަރަކާތް ތައާރަފްކުރިއެވެ. މަޖީދިއްޔާ ފިޔަވައި، ދެން އެންމެ ފުރަތަމަ ސްކައުޓް ހަރަކާތް ތައާރަފްކުރީ މާލޭ އިންގްލިޝް ސްކޫލެވެ. އޭގެ ފަހުން މަދްރަސަތުލް އަހްމަދިއްޔާއެވެ. ދެން މަދްރަސަތުލް އާލިޔާއެވެ. ދެން، އީޕީއެސްއެސްއެވެ.
މާލެ ފިޔަވައި، ރާއްޖޭގެ އަތޮޅުތަކަށް ސްކައުޓް ހަރަކާތް ތަޢާރަފް ކުރެވި، އަތޮޅުތަކުގެ ސްކޫލްމަދްރަސާތަކުގައި ސްކައުޓް ގްރޫޕްތައް ރަޖިސްޓަރީ ކުރެވެން ފެށުނީ ސްކައުޓް ލީޑަރުން ތަމްރީނު ކުރެވުމާއެކުގައެވެ. އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްކައުޓް ގްރޫޕްތައް ރަޖިސްޓަރީކުރި ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ، ތ. ގުރައިދޫގައި ހުންނަ އަތޮޅު މަދްރަސާއާއި، ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙާއި، ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދްރަސާއާއި، ނ. މަނަދޫގައި އަތޮޅު މަދްރަސާއާއި، ގދ. ތިނަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި، ހއ. ދިއްދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި، އައްޑުއަތޮޅު ހިތަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒެވެ.
މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ސްކައުޓް ހަރަކާތްވަނީ ތަޢާރަފް ކުރެވިފައެވެ. ރާއްޖޭގެ އެތައް ސްކޫލެއްގައި ސްކައުޓް ހަރަކާތް މިހާރު ހިންގަމުންދެއެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްކައުޓް ހަރަކާތް ފެތުރި، އޭގެ އެންމެ ހަރުދުވެލީގައި ދަނީ ހިނގަމުންނެވެ.
ސްކައުޓް ހަރަކާތުގައި ހިމެނޭ ހުރިހާ ގިންތިއެއް މިހާރު ރާއްޖޭގައި އުފެދި ހިނގަމުންދެއެވެ. އޭގެ ތެރޭގައި، ޕްރީ ކަބް، ކަބް ސްކައުޓް، ސްކައުޓް، ރޯވަރ ސްކައުޓް ސެކްޝަން ހިމެނެއެވެ. މީގެ އިތުރުން، ކޮމިއުނިޓީ ސްކައުޓް ގްރޫޕްތައްވެސް އުފެދި ހަރަކާތްތެރި ދައުރެއް އަދާކުރަމުން އެބަގެންދެއެވެ.
ދުނިޔޭގެ ސްކައުޓް މައި ޖަމްޢިއްޔާ، ވޯރލްޑް އޮގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމަންޓްގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބުނީ، 1990 ވަނަ އަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ، ރާއްޖޭގައި ސްކައުޓް ހަރަކާތް ރަސްމީގޮތެއްގައި ހިންގުމަށް އެސޯސިއޭޝަނެއް ގާއިމްކުރެވުނުތާ ހަ އަހަރު ފަހުންނެވެ. އަދި ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށިގެން ހިނގަމުން އަންނަތާ ބަރާބަރު 34 އަހަރު ފަހުންނެވެ.
1956 ވަނަ އަހަރު ރާއްޖޭގައި ވަރަށް އާދައިގެ ގޮތެއްގައި ފެށުނު މިހަރަކާތް ކާމިޔާބު ކަމާއެކު ހިނގަމުން އަންތާ 50 އަހަރު ފުރި، 2006 ވަނަ އަހަރު ވަނީ ރަންޔޫބީލް ފާހަގަކޮށްފައެވެ. މި ކުޑަކުޑަ ރާއްޖޭގައި މިޙަރަކާތް އުފެދި، އަހަރަކަށްފަހު އަހަރެއް ކާމިޔާބުގެ ހަރުފަތްތައް ގިރާކުރަމުން ކުރިއަރަމުންގޮސް، މިއަދު މިކުޑަކުޑަ ރާއްޖެ މިވަނީ ސްކައުޓް ހަރަކާތުގައި، އޭޝިޔާ ޕެސިފިކް ސަރަޙައްދުގައިވެސް ނަގާކިޔާ ގައުމަކަށް ވެފައެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި ބޭއްވޭ ހުރިހާ ހަރަކާތެއްގައި، ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކެކޭ އެއް ސަފެއްގައި ގެންދަނީ ފައިތިލަ ސާބިތުކުރަމުންނެވެ. ދިވެހި ސްކައުޓުން ވަނީ ރަންވަނަތައް ވެސް ހޯދާފައެވެ. ދުނިޔޭގެ މައި ސްކައުޓް ޖަމްއިއްޔާއާއި، އޭޝިޔާގެ ޕެސިފިކް ސަރަހައްދުގެ ސްކައުޓް އޮފީސްތަކުގައިވެސް ރާއްޖޭގެ ލީޑަރުން ޚިދުމަތްތައް ކޮށްދެއްވާފައި ވާއިރު، ސަރަހައްދީ ފެންވަރުގެ އެކިއެކި ކޮމިޓީތަކުގައިވެސް ރާއްޖޭގެ ލީޑަރުން މިހާރުވެސް ޚިދުމަތް ކުރަމުން އެބަގެންދެއެވެ
ސްކައުޓް ހަރަކާތަކީ ރާއްޖޭގެ ކުޑަކުދީންނާއި ޒުވާނުންގެމެދުގައި ވަރަށް މަގްބޫލު ހަރަކާތެކެވެ. މަދުރަސީ ތައުލީމުގެ އިތުރަށް، ކުދީންނަށް ރަނގަޅު ތަރުބިއްޔަތެއްދީ، ގައުމާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ޒުވާނުންތަކެއް ތަރުބިއްޔަތު ކުރަމުންދާ، މުހިންމު ތައުލީމީ ހަރަކާތެކެވެ.
ޒުވާނުންނަކީ ގައުމުގެ މުސްތަގްބަލުކަމުގައި ވީހިނދު، އެފަދަ ޒުވާނުންނަކީ ގައުމަށް ވަފާތެރި، ހަރުދަނާ ބިންގަލެއްގެ މަތީގައި ގާއިމްވެ ތިބޭ ބަޔަކަށް ހެދުމަށްޓަކައި، މިހަރަކާތުގެ ތެރެއިން ތަފާތު ތަމްރީނުތަކާއި، ޕްރޮގްރާމްތައް ގެންދަނީ ހިންގަމުންނެވެ. މިފަދަ ތަމްރީނުތަކާއި، ޕްރޮގްރާމްތަކުގެ ސަބަބުން، ޒަމާނާއެކު އަންނަ ނުރަނގަޅު އާދަތަކަށް ކުދީން ލޯހުޅުވި، ހޭލުންތެރި ބަޔަކަށް އެކުދީންދަނީ ވަމުންނެވެ. ކުދީންނަށް އުޅުންތެރިިކަމާއި، ރިވެތި ސުލޫކު ދަސްކޮށްދީ އަދި ކަންކަމުގައި ހިތްވަރާއި އިތުބާރާއެކު ކުރިމަތިލާން ދަސްކޮށްދީ، ހުނަރުވެރިކުރުވާ ހަރަކާތަކަށް، މިހަރަކާތްވަނީ ވެފައެވެ. މިކަންކަމީ ތައުލީމުގެ އިތުރަށް، ކުދީންނަށް ކޮންމެހެން ދަސްކޮށްދޭންޖެހޭ ތަރުބިއްޔަތުގެ މުހިންމު ބައެކެވެ.
ސްކައުޓް ހަރަކާތް ރާއްޖޭގައި ހިނގަމުން އަންތާ 67 އަހަރު މިއަދު ފުރުނުއިރު، މިފަދަ ތަމްރީނާއި ތަރުބިއްޔަތުގެ ނަތީޖާ ކިތަންމެ ރަނގަޅަކަށްވެސް މުޖުތަމައުން ފެންނަމުންދާކަމީ ހަގީގަތެކެވެ. މިހަރަކާތުގައި ދަރިވަރުން ބައިވެރިކުރުމަށް ބެލެނިވެރިން ދެއްވާ ޚާއްސަ ސަމާލުކަމަކީ، މިހަރަކާތުން ދަރިވަރުންނަށް ލިބެމުންދާ ތަރުބިއްޔަތާއި، ދަސްކޮށްދެވޭ ކަންކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ސްކޫލް ދައުރު ނިމުމަށްފަހު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ނުކުތުމުން، މިހަރަކާތުން ދަސްކޮށްދެވޭ ކަންކަމުގެ ބޭނުން ހިފެވޭލެއް ބޮޑުކަމުންނެވެ. ކޮވިޑް ބަލީގެ ހާލަތު މުޅި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވެ، ސްކައުޓްގެ ހަރަކާތްތައް ހިންގުމަށް މަޑުޖެހުމެއް އައި ނަމަވެސް، ކޮވިޑް ބަލީގެ ހާލަތުން އަރައިގަނެވުމާއެކު މާލެއާއި، ރަށްރަށުގައި ސްކައުޓް ހަރަކާތް އައު ރޫހެއްގައި ދަނީ ހިނގަމުންނެވެ.
ރާއްޖޭގައި ކާމިޔާބު އަދި ފުޅާ ހަރަކާތެއްގެ ގޮތުގައި މި ހަރަކާތް އޮތް ނަމަވެސް ކަންބޮޑުވާންޖެހޭ ކަމެއް އެބަ އޮތެވެ. މިއީ ސްކައުޓުންގެ ކަންބޮޑުވުމެކެވެ. ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިންގާނެ ދާއިމީ އިމާރާތެއް ނެތުމުގެ ކަންބޮޑުމެވެ. އެއް އިމާރާތުން އަނެއް އިމާރާތަށް "ފައްސާ" ކަމުގެ ކަންބޮޑުވުމެވެ.
ވަގުތީގޮތުން ސްކައުޓުގެ މައި އޮފީސް ހިންގާފައިވާ އިމާރާތްތަކުގެ ތެރޭގައި، ޒުވާނުންގެ މަރުކަޒު، ބަންޑާރަ ވިލާ، ބައު ޖަމާލުއްދީން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިމާރާތް ހިމެނެއެވެ. މިހާރު ވަގުތީގޮތުން ސްކައުޓް އޮފީސް ހިންގަނީ ހުސްކޮށްފައިވާ އަރަބިއްޔާ ސްކޫލުގެ އިމާރާތުގައެވެ.
ދިވެހި ސްކައުންޓް ހަރަކާތަށް 66 އަހަރުފުރުނު މުނާޞަބާ ފާހަގަކުރުމަށް މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، ޗީފް ސްކައުޓްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ވަނީ، ސްކައުޓުންނަށް ދާއިމީ ގޮތެއްގައި އޮފީސް ހިންގާނެ އިމާރާތެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރު މިކަމުގައި އެއްވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ.
ސްކައުޓް ހަރަކާތް ރާއްޖޭގައި ހިނގަމުން އަންތާ 67 އަހަރު ފުރޭއިރު މިކަމަށް ހައްލެއް ހޯދައިދިނުމަކީ ބޭނުންތެރި ކަމެކެވެ. އެތައް ސްކައުޓެއްގެ އެދުމެވެ.