ރައްޔިތުން ތިބީ ދަރާފަކަމަށާއި، ރައްޔިތުންގެ އިޖްތިމާއީ ދިރިއުޅުން ހަލާކުވެފައިވާކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ލޯފަން ކުދިންނަށް ވޯޓުދިނުމާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ، ހާއްސައެހީއަށް ބެނުންވާ ފަރާތަތްކާއި މެދުގައި، ހާއްސަކޮށް ހާއްސައެހީއަށް ބޭނުންވާ ކިޔަވާކުދިންނާ ދޭތެރޭ މިސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަކަމަށެވެ. ހާއްސައެހީއަށް ބޭނުންވާ ކްލާސްރޫމްތައް ނޭޅި ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންގެ އާދޭސް މިނިސްޓަރުންނާ ހިސާބަށް ގެންނަމުންދާކަމަށާއި، ސްކޫލްތަކުގައި ހުރި މަރާމާތުތައް ނުކުރެވި އެކަންކަންވެސް މިނިސްޓަރާއި ހަމައަށް ގެންނަމުންދާކަމަށެވެ. އަދި މި ކަންތައްތައް ކުރެވޭނެ ގޮތެއްވެސް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.
މެމްބަރު ޝިޔާމް ވަނީ، މަޖިލީހުން ބަޖެޓްގެ ގޮތުގައި 170 ބިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު، އޭގެން އުފަލެއް ލިބުނީ ކޮން ރައްޔިތަކަށްތޯ ސުވާލުކުކުރައްވާފައެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީގެ މައިގަނޑު ސިޔާސަތަކަށްވީ ރައްޔިތުންގެ ޖީބުތައް މުއްސަނދިކުރުންކަމަށެވެ. އެހެންނަމަވެސް ޖީބުގައި ހުރި ރުފިޔާވެސް މިހާރު ހުސްވެފައިވާކަމަށް އޭނަ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މިސަރުކާރު އައި ފަހުން ރައްޔިތުންގެ އިޖްތިމާއީ ދިރިއުޅުން އެއްކޮށް ހަލަކުވެ، އިޖްތިމާއީ ފޭރާންވެސް ހަލަކުވެފައިވާކަމަށެވެ.