ހުޅުމާލޭގެ މަގުތަކުގައި އާބަންކޯއިން ހަރުކުރާ ފަދަ މަގުހުރަސް ބައްތިއެއް މާލޭގައިވެސް ހަރުކުރުމަށް އާބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ، މާލޭގައި ހިނގާފައި އުޅޭ މީހުންނަށް ހާއްސަ ޓްރެފިކް ލައިޓެއް، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމްގެ އެދިވަޑައިގަތުމަށް މާލޭގައި ހަރުކުރުމަށް ނިންމާފައިވާ ކަމަށާއި، އެ ލައިޓް ހަރުކުރާނީ މާލޭ ބޮޑު ތަކުރުފާނު މަގު ސެނަހިޔާ ހޮސްޕިޓަލް ކައިރީގަކަމަށެވެ.

މަގުހުރަސް ބައްތިއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ލައިޓްތަކެކެވެ. މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާ މީހުންނަށް ރައްކާތެރިކަމާއެކު މަގު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. މިގޮތުން މާލެ ސަރަހައްދުގައިވެސް އެންމެ ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދުތަކުގައި މިފަދަ ބައްތިތައް ބެހެއްޓުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އެގޮތުން ފުރަތަމަ ހުޅުމާލޭގައި މިފަދަ ބައްތިތައް ބެހެއްޓުމުގެ މަސައްކަތުގެ ދަށުން 8 ސަރަހައްދެއްގައި މި ބައްތިތައް ބެހެއްޓުމަށް ނިންމާފައިވާއިރު، މިހާރު ވަނީ 2 ސަރަހައްދެއްގައި ލައިޓްތައް ބަހައްޓާފައެވެ.

އާބަންކޯ ބުނީ، ހުޅުމާލޭގެ މަގުތައް އަމާންތަނަކަށް ހަދައި އެކްސިޑެންޓުތައް މަދުކުރުމަށް، މިހާރުން މިހާރަށް ގެނެވެން ހުރި ބަދަލުތައް ދެނެގަންނަމުން އަންނަ ކަމަށެވެ. އެގޮތުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރަން ވެސް ނިންމާފައިވާކަމަށް އާބަންކޯ ބުނެއެވެ.

އެ ކޯރޕަރޭޝަނުން ބުނީ ޑިވައިޑަރު ހަރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނުވަތަ މަގުގެ އަނެއް ފަޅިއަށް އަނބުރާލާއިރު ގަވާއިދާއި އެއްގޮތަށް އެކަންކުރުމަށް ބާރުއެޅުންކަމަށެވެ. އަދި އެކަން އަންގާދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އާބަންކޯއިން ބުނެއެވެ.