ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ބިލްތަކެއްގެ މަސައްކަތް ނުނިމޭތީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
މިނިސްޓަރ ފައްޔާޒް ކަންބޮޑުވުންފާޅުކުރެއްވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލްގެ މަސައްކަތް ނުނިމި ލަސްވާތީއެވެ. މިނިސްޓަރ ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، އިގްތިސޯދަށް ވަރައް މުހިއްމު ދެ ބިލެއް ކަމަށެވެ.
މި ބިލްތަކުގެ މަސައްކަތް އެޖެންޑާކޮށް ބަހުސްކޮށް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ޤަރާރުތަކެކޭ އެއްފަދައިން މުހިންމު ކަމެއް ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާ ނުވުމުގެ ހައްގު ކުރިއަރުވައި، ކަށަވަރު ކޮށްދިނުމަށެވެ.
މި ބިލް ހުށަހަޅާފައި ވަނީ މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށް، އެ ހައްގު ލިބިދެވޭނެ ދާއިރާތައް އެކަށައެޅުމަށާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފައްދައި، އެ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތައް ގާއިމް ކުރުމަށެވެ.
ބިލުގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ގާނޫނު ވުޖޫދުވުމާއެކު މަސައްކަތްތެރިންނާ ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްވާނެ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ހާލަތުގައި އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ވެސް އެކަށައެޅިފައިވާ ކަމަށް ވެސް އެ ބިލްގައިވެއެވެ.
މި ބިލްގެ އިތުރުން، މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ އޮކިއުޕޭޝަނަލް ސޭފްޓީ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބިލްގެ އިބްތިދާއީ ބަހުސްވަނީ ފަށާފައެވެ.