ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ އިންޖެކްޝަނެއްގައި ކޮލިޓީ މައްސަލައެއް ފެނިފައިވާތީ، އެ އިންޖެކްޝަނަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެދިއްޖެއެވެ.

އެ އޮތޯރިޓީން ބޭނުންކުރުން ހުއްޓާލުމަށް އަންގާފައިވަނީ، ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ އިންޖެކްޝަނެއް ކަމަށްވާ، އެސިލޮކް ބްރޭންޑްގެ ރަނިޓަޑީން އިންޖެކްޝަންގެ ބެޗް އާރްޕީ21311 އެވެ.

އެމްއެފްޑީއޭއިން ބުނީ، އެސިލޮކް ބްރޭންޑްގެ ރަނިޓަޑީން އިންޖެކްޝަންގެ މައްސަލަ އުޅޭ ބެޗު ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނިއެވެ.

އެސިލޮކް ބްރޭންޑްގެ ރަނިޓަޑީން އިންޖެކްޝަނަކީ، ބަނޑުގައި ރިއްސުމާއި، މެއިން ދިލަނެގުމާއި، އެސިޑް ރިފްލަކްސް އަދި ގެސްޓްރޯ-އީސޯފެޖިއަލް ރިފްލަކްސް ޑިޒީޒް (ޖީއޯއާރްޑީ) ފަދަ ބަލިތަކަށް ފަރުވާކޮށް ރައްކާތެރިކުރުމަށް ބޭނުންކުރާ ބޭހެކެވެ. އެ އިންޖެކްޝަނަކީ ބަނޑުގައި އެސިޑް ހުންނަ މިންވަރު މަދުކޮށްގެން މަސައްކަތް ކުރާ އިންޖެކްޝަނެކެވެ.