މަތީ ތައުލީމީ މުއައްސަސާއަކުން ކުރިއަށް ގެންދިޔަ ފުރަތަމަ ބިޒްނަސް ފެސްޓިވަލް ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވިލާ ކޮލެޖްގެ ބިޒްނަސް ފެސްޓިވަލް ހުޅުވައިދެއްވީ ޑެޕިއުޓީ ވައިސް ރެކްޓަރު ރިސާރޗް އެންޑް އިނޮވޭޝަން ޑރ.މުޙައްމަދު އަދީލް އާއިއެކު ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ޑީން އަބްދުﷲ ނާފިޒާއި ވިލާ ކޮލެޖުގެ އިސް މުވައްޒަފުންނެވެ.

މި ފެސްޓިވަލަށް 300އަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މި އެންޓަޕްރައިސް ޕްރޮޖެކްޓްގެ ދަރިވަރުން ވަނީ ފައިނަލް އަހަރުގެ ޕްރޮޖެކްޓުގައި ވިސްނުނު ވިޔަފާރީގެ ޚިޔާލުތައް އާންމު ރައްޔިތުންނަށް ދައްކާލާފައިވާއިރު، އެޕްލައިޑް މާކެޓިން ޕްރެކްޓިސްގެ ދަރިވަރުން ވަނީ ޓްރޭޑްޝޯއެއްގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް އެމީހުންގެ ޕްރޮޑަކްޓް ކޮންސެޕްޓްތައް ދައްކާލާފައެވެ.

މީގެ އިތުރުން ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީން ހިންގާ ކްލަބުތަކުން މުޅި ފެސްޓިވަލްގައި މަޖާ ފޯރިގަދަ ކުޅިވަރުތަކެއް ކުރިއަށް ގެންދިޔައިރު، ބައިވެރިންނަށް އުފާވެރިކަން ލިބޭނެ ގޮތަށް ކާބޯތަކެތީގެ ސްޓޯލްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީގެ ރައީސް މޫސާ މީކައިލް ވިދާޅުވީ މިއީ ޒުވާނުންގެ މެދުގައި ވިޔަފާރިވެރިކަމަށް ހިތްވަރުދީ ކުރިއެރުވުމަށާއި ކުރިއެރުމަށް އެހީތެރިވެދޭނެ ޕޮޓެންޝަލް އިންވެސްޓަރުން ހޯދައިގެން އުފެއްދުންތަކާއި ވިޔަފާރީގެ ޚިޔާލުތައް ދައްކާލުމަށް ޕްލެޓްފޯމެއް ބިނާކުރުމަށް އެޅޭ މުހިންމު ފުރަތަމަ ފިޔަވަޅެއް ކަމަށެވެ.

ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީގެ ނައިބު ރައީސް އަޙްމަދު އުވައިސް މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި ފެސްޓިވަލްގެ ޖުމްލަ ޕްލޭނިންގ އާއި އެގްޒެކެޝަން ދިޔައީ އޮމާންކަމާއެކު ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު ބިޒްނަސް ފެސްޓިވަލްތައް ކުރިއަށް ގެންދިއުމަށް ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީން ރާވާފައިވާ ކަމަށެވެ.

މި ފެސްޓިވަލްއަކީ ހަނދާން އާވާ ފެސްޓިވަލަކަށް ހެދުމަށް އެހީތެރިވެދިން ފެސްޓިވަލްގެ ހުރިހާ ޕާޓްނަރުންނާއި ވިލާ ކޮލެޖުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި ބެސްޓް ބިޒްނަސް އައިޑިއާ، ބެސްޓް ޕްރެޒެންޓަރ އަދި ބެސްޓް ނިއު ޕްރޮޑަކްޓް ކޮންސެޕްޓްގެ ސެޓްފިކެޓް ދިނުމުގެ ނިންމުމުގެ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފައެވެ. އެންޓަޕްރައިސް ޕްރޮޖެކްޓް މޮޑިއުލްގެ އެންމެ މޮޅު ޕްރެޒެންޓަރ އަދި ބެސްޓް ބިޒްނަސް އައިޑިއާ އެވޯޑް ހަވާލުކޮށްދެއްވީ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ޑީން އަބްދުﷲ ނާފިޒެވެ. އެޕްލައިޑް މާކެޓިންގ ޕްރެކްޓިސް އަށް ބެސްޓް ނިއު ޕްރޮޑަކްޓް ކޮންސެޕްޓް އެވޯޑް ހަވާލުކޮށްދެއްވީ ޑިރެކްޓަރ އެޓް ރެކްޓަރސް އޮފިސަރ، ޑރ.މުހައްމަދު ކިނާނަތުއެވެ.

މި އެވޯޑްތަކުގެ ތެރެއިން އެންޓަޕްރައިސް ޕްރޮޖެކްޓްގެ އެންމެ މޮޅު ޕްރެޒެންޓަރަކަށް އިބްރާހިމް ނާއިފް ހޮވިފައިވާއިރު އެންމެ ރަނގަޅު ވިޔަފާރީގެ ޚިޔާލު ދެއްވި ފަރާތަކަށް ހޮވިފައިވަނީ ހުސައިން މުއާންއެވެ. އަދި އެޕްލައިޑް މާކެޓިންގ ޕްރެކްޓިސްގެ އެންމެ ރަނގަޅު އައު ޕްރޮޑަކްޓް ކޮންސެޕްޓަކަށް ފޯޗުއަން ބައިޓްސް އައިޝަތު ރަޔާ، އައިޝަތު ތުހުނާން މުހައްމަދު، އައިޝަތު ޒާރާ އިބްރާހިމް، ފާތުމަތު އަހުމަދު، މަރިޔަމް އީމާން މުއާޒުވަނީ ހޮވިފައެވެ.

ބިޒްނަސް ފެސްޓިވަލަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ނަގާފައިވާއިރު، ބޮޑީޓެކް އިން ވަނީ ވަނަ ހޯދި ފަރާތަށް 6 މަސް ދުވަހުގެ ޖިމް މެމްބަޝިޕް ހުށަހަޅާފައެވެ. ލަކީ ޑްރޯގެ އެއްވަނަ ހޯދީ ސާރާ ޝަފީއުއެވެ.