ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް، 'އާޔާ' މިއަދު ތައާރަފްކޮށްފިއެވެ.
'އާޔާ' އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖަރ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެކެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ 'އާޔާ' އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާނަމަ ކަސްޓަމަރ ސަރވިސް އޭޖަންޓަކަށްވެސް ޗެޓް ޓްރާންސްފަރ ކޮށްލެވޭނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުންވާނީ އެފަރާތެއް ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށްކަމަށެވެ. އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތްކުރުމަށް 'އާޔާ' ފަރުމާކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިންގ (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައިކަމަށް ކަރލް ވިދާޅުވިއެވެ. އެހެންކަމުން، ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދެވި، މައްސަލަ ހައްލުވެ، އޭގެ ސަބަބުން ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެކަމަށް އޭނަ ވިދާޅުވިއެވެ.
ކާރލް އިތުރަށް ވިދާޅުވީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބީއެމްއެލްއަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. ބީއެމްއެލްއިން ފޯރުކޮށްދޭ ހިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އޭނަ ވިދާޅުވިއެވެ.
ބޭންކިންގެ ހިދުމަތްދޭ އެހެން ފަރާތްތަކާ ތަފާތުކޮށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމާއި، ސެލްފް ސަރވިސް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮންމެ ދުވަހަކު ބޭނުންކުރާ ބޭންކިންގ ހިދުމަތްތައް އޮންލައިންކޮށް މެނޭޖް ކުރެވޭނެ ގޮތް ގާއިމްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ވަގުތުން ބޭންކް އެކައުންޓް ހުޅުވުން، އޮންލައިންކޮށް ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް މެނޭޖް ކުރުން، ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ޓީޓީގެ ހިދުމަތް ފަދަ ގިނަގުނަ ޑިޖިޓަލް ހިދުމަތްތަކެއް ބޭންކުގެ ކަސްޓަމަރުންނަށް މިއަދު ދަނީ ފޯރުކޮށްދެމުންނެވެ.
ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ސަބަބުން، މިހާރު ކަސްޓަމަރުންނަށް ކޯލް މެނޫ މެދުވެރިކޮށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އެސްއެމްއެސް ލިބޭނެ ގޮތް ހަމަޖެހި ކިއުގައި މަޑުކުރަން ބޭނުންނުވާނަމަ ކަސްޓަމަރަށް ގުޅުމަށް އެދި އަދި ކުއްލި ހާލަތްތަކުގައި އަވަސްކޮށް ގުޅުމަށް އެދި ހުށަހެޅޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެބޭންކުން ބުނެއެވެ.