ގެއްލިގެން ހޯދަމުންދިޔަ ޢާއިޝަތު އިޙްސާނާ އާއިލާއަށް ފޯންކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ވީނިއުސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ވީނިވީތަނެއް ނޭނގިގެން ހޯދަމުންްދިޔަ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ އޭނާގެ އާއިލާއަށް މިއަދު ގުޅާފައިވެއެވެ. އަދި އޭނާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ.

އިޙްސާނާގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއިމަހުގެ 29ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއިމަހުގެ 29ވަނަ ދުވަހުގެ ހެނދުނު، އޭނާ ދިރިއުޅޭ ހުޅުމާލެ، ހިޔާ ކައިރިން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި ޢާއިޝަތު އިޙްސާނާ ގެއްލިފައިވަނީ އޭނާގެ، ދެ އަހަރުގެ އަންހެން ދަރިފުޅާއެކުގައި ކަމަށްވެސް އޭރި އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

މިމަހުގެ 21 ވަނަ ދުވަހުވެސް ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓުކުރުމުން ފުލުހުން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރިއެވެ.

ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ އެ ކުއްްޖާ ވަނީ ފެނިފައެވެ.

އެދުވަހު ގެއްލުނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ)އެވެ. ޢަބްދުއްނާފިޢު ފެނުނީ އަމިއްލައަށް އޭނާ ދިރިއުޅޭ ގެއަށް ދިއުމުން ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފަހަކަށް އައިސް މީހުން ގެއްލިގެން ފުލުހަށް ރިޕޯޓްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.