ވެމްކޯގެ ޗެއާމަން، މުހައްމަދު އިބްރާހިމް މަނިކު ވަޒީފާއިން ވަކިކުރުމުން ގެއްލުންވާނީ ސަރުކާރަށް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީ)ގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވެމްކޯގެ ޗެއާމަން، މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެމްބަރު، އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕީސީބީއަށް ރައީސް އޮފީހުން ފޮނުއްވާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ސްލޮޓްތަކުގައި ސިޔާސީ މަގާމަށް އައްޔަންކުރެއްވި ބޭފުޅުން އެ ޕާޓީން ވަކިވާ ހިސާބުން، މަގާމުން ވަކިކޮށްދޭން ރަސްމީކޮށް އެމްޑީޕީން އޮތީ ރައީސް އޮފީހުގައި އެދިފައެވެ.

މަނިކު މި ފަހުން ވަނީ އަލަށް އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފައެވެ. އާމިލާއަކީ ޑިމޮކްރެޓްސް އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ކޮއްކޮއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަނިކު ފަދަ ބޭފުޅުންނަކީ އެމްޑީޕީއަށް ޚިދުމަތްކުރެއްވުމުގައި ދެގޮތެއް ނުވެ އަބަދުވެސް ތިއްބެވި ޕާޓީގެ ވަރުގަދަ ބޭފުޅުން ކަމަށާއި މަނިކު ވަޒީފާއިން ވަކިކުރުމުން ގެއްލުންވާނީ ސަރުކާރަށް ކަމަށެވެ.

މީގެކުރިން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން ވަކިކުރުމުންވެސް ރައީސް ނަޝީދު، ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވިއެވެ. ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ނަޝީދު ވިދާޅުވީ، މުޖުތަބާއަކީ މުޅި އިސްލާހީ ހަރަކާތުގެ އެއް ތަނބު ކަމަށެވެ. އެހެންވެ އޭނާ މަގާމުން ވަކިކުރަން ރައީސް ސޯލިހު ލަދުފުޅުނުގަނޭތޯ ހިތަށް އަރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ސޮއިކުރައްވާ މުޖުތަބާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މުޖުތަބާ ވަކިކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމަށް މުޖުތަބާ އައްޔަކުރެއްވީ 29 ނޮވެމްބަރު 2018 ގައެވެ.

މިފަހަކަށް އައިސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކި ކުރަމުންދާތަން އަންނަނީ ފެންނަމުންނެވެ.

އެބޭފުޅުން ވަކި ކުރައްވަން ފެއްޓެވީ ރައީސް ނަޝީދަށް ވަފާތެރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެށްޓެވި ފަހުންނެވެ.

މިގޮތުން، އެންމެ ފުރަތަމަ މަގާމުން ވަކިކޮށްފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އޭގެ ފަހުން އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ހަމްދާނާއި އަނބިކަނބަލުން އަދި ހޯމް މިނިސްޓްރީގެ އާޝިޔަތު އަލައިކާ އަދުނާން އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު ފަދަ ބޭފުޅުން ވަނީ ވަކިކޮށްފައެވެ.

މުޖުތަބާގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސްމިތު) ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.