ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ އުފައްދަން މަސައްކަތްކުރާ، "ދަ ޑިމޮކްރެޓްސް" ރަޖިސްޓަރީކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.
އެ ޕާޓީގެ މައުލޫމާތު ހާމަކުރަން ގެންގުޅޭ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، މާދަމާ (އެކެއް ޖޫން ވާ ބުރާސްފަތި ދުވަހު)ގެ ހެނދުނު ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެންމެ ލަސްވެގެން މިރޭ 11:00 އަށް ހުރިހާ ފަރާތަކުންވެސް ގ. ބޮޑުފެންވަޅުގެޔަށް ފޯމުތައް ގެންގޮސްދިނުމަށް ވަނީ އެދިފައެވެ.
ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.
ޕާޓީ އުފެއްދުމުގެ މަސައްކަތް ފެއްޓެވި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހަސަން ލަތީފް ވިދާޅުވީ، އައު ޕާޓީގެ ނަމަކީ "ދަ ޑިމޮކްރޭޓްސް" ކަމަށާއި، އައު ޕާޓީ ވެގެންދާނީ ޑިމޮކްރެސީގެ ހަމަތައް ހިފަހައްޓާނެ ޕާޓީއަކަށް ކަމަށެވެ. އުއްމީދަކީ ވީހާވެސް އަވަހަކަށް ޕާޓީ އުފެއްދުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކޮށް ހަރަކާތްތައް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށާއި ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެކަމުގެ މަޝްވަރާތައްވެސް ސިޔާސީ ފަރާތްތަކާއެކު ކުރާނެ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދަށް ވަފާތެރި ރައްޔިތުން މަޖިލީހުގެ މެމްބަރުން އުފައްދަން މަސައްކަތް ކުރަމުންގެންދަވާ ޕާޓީއަށް ނަން ކިޔާފައިވަނީ އެކަމަށްޓަކައި އާންމުކޮށް ހުޅުވާލި ފުރުސަތުގައި އާންމުން ހުށަހެޅި ގިނަ އަދަދެއްގެ ނަންތަކަށް ބެލުމަށްފަހުކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"ފިކުރެއްގެ ދިރުން" ހަަރަކާތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެކަން ފުރަތަމަ ހާމަކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.