ހޯމް މިނިިސްޓަރ އިމްރާން އަބްދުﷲ ލީޑްކުރައްވަމުންގެންދަވާ، އަދާލަތު ޕާޓީން ބޭނުންވާ ކަންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފިއެވެ.
ޢަދާލަތު ޕާޓީން ބުނީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ތާއީދު ކުރުމަށް ނިންމާފައިވާތީ، އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން މިއަދު ރައީސާ ބައްދަލުކުރައްވައި، އެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމަށް އެމަނިކުފާނުވަނީ ޝުކުރުއަދާކުރައްވާފައެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމައި އެކަން އިއުލާނުކުރަމުން އަދާލަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުގައި މަސައްކަތްކޮށް ރިޔާސީ އިންތިޚާބާ ކުރިމަތިލުމަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން އެމްޑީޕީން ދިން ދައުވަތު ގަބޫލުކޮށް، ރައީސް ސޯލިހަށް ތާއީދުކުރަން، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ، މިވަގުތުގެ ހާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތްގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީއަށް މަސައްކަތްކުރެވެން އޮތީ ވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް އިންތިޚާބު ކޮށްގެންކަމަށް ފެންނާތީ ކަމަށް، އަދާލަތު ޕާޓީން އާންމުކުރި ބަޔާނުގައި ބުނެފައިވެއެވެ.
އަދާލަތު ޕާޓީން ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމާފައިވާއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ރައީސަށް ތާއީދުކުރުމަށް ނިންމާފައެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކުރިން ނިންމައި އެކަން އިއުލާންކުރިނަމަވެސް، އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ވަނީ އެ ނިންމުން އަނބުރާ ގެންދަވާފައެވެ.
އެމްޑީއޭ އަދި އެ ޕާޓީގެ ރައީސް ސިޔާމް ވެސް މީގެކުރިން ވަނީ، ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާފައިވެއެވެ.