ހުޅުމާލޭ އުތުރުން ހިއްކި ބިމުގައި އެންމެ ގިނަ ބަޔަކު ދިރިއުޅޭ "ހިޔާ ފްލެޓް" ސަރަހައްދުގައި ބުޅާތަކެއް މަރައިފިއެވެ.

މިހާރު ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ "ހިޔާ ޓަވަރުތަކުން" ދަނބުކުލައިގައި ހުންނަ ޓަވަރަކާއި އިންވެގެން އޮތް ހުސްބިމުގައި ބުޅާތަކެއް މަރުވެފައިވާ މަންޒަރެވެ.

އެވީޑިއޯ ހިއްސާކުރި މީހުން ބުނެފައިވާ ގޮތުގައި ބަޔަކު އެބުޅާތައް މަރާލީއެވެ. އެކަމަކު މަރާލީ ކިހިނެއް ކަމެއް ސާފެއް ނުވިއެވެ.

މިއަހަރުގެ މާރިޗު މަހުގެ ތެރޭގައިވެސް ޒަހަރު ދީގެން މާލޭ ސަރަހައްދުގައި ދިރިއުޅޭ ބުޅާތައް މީހަކު ނުވަތަ ބަޔަކު މަރާކަމުގެ ތުހުމަތު ބައެއް އާންމުން ކުރިއެވެ.

އާންމުން މިގޮތަށް ތުހުމަތުކުރީ ގިނަ އަދަދެއްގެ ބުޅާ އުޅޭ މާލެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބުޅާ ވީނިއުވީއެއް ނޭނގި ގެއްލުމާއި އެސަރަހައްދުތަކުން ފެންނަ ބުޅާތަަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާތީއެވެ.

ބުޅާ ގެންގުޅޭ މީހުންގެ ކޮމިއުނިޓީ ގުރޫޕެއް ކަމަށްވާ "ކެޓަހޮލިކްސް މޯލްޑިވްސް" ގައި މިކަމާ ގުޅޭގޮތުން ޚިޔާލުފާޅުކުރި ބައެއް މީހުން ބުނެފައިވަނީ ބުޅާތަކަށް ޒަހަރު ދީގެން މަރާލަނީ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަށް ބާރުދިނުމަށް އެމީހުން ފާހަގަކުރާކަމަކީ ބުޅާތަކަށް ކުއްލި ގޮތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވުމެވެ.

https://m.facebook.com/story.php?story_fbid=pfbid0V6gf7UWNQjHnBkGCuVgGY9nLMmcMDPGSaXTNrWmfwf9zp8CU11kMuyehdpvCu1BWl&id=100000990481898&mibextid=Nif5oz

މިކަމާ ދެކޮޅަށް ވާހަކަދެއްކި ބައެއް މީހުން ބުނީ، ބުޅާތަކަށް ޒަހަރު ދީގެން މަރާ ނަމަ، ފުރާނަ ނެތް ހަށިގަނޑުތައް ފެންނަން ހުންނާނެ ކަމަށެވެ. މަރުވެފައިވާ އެއްވެސް ބުޅަލެއް ފެންނަން ނެތްކަން އެމީހުން ފާހަގަކުރެއެވެ. އެކަމަކު ބުޅާތައް ބަލިވެފައިވާކަން އެމީހުންވެސް ފާހަގަކުރެއެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި، ބުޅާތަކަށް ޒަހަރުދީ ބަލިކޮށްލުމަށް ފަހު، އެސޮރުމެން ކޮންމެވެސް ތާކަަށް މީހަކު ނޫނީ ބަޔަކު މީހުން ގެންދިޔައީއެވެ.

މީގެކުރިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކޮށް މަރަމުންދާ މައްސަލައެއް ފެންމަތިވިއެވެ. މިއަނިޔާވެރި އަމަލުތައް ހިންގަނީ ގްރޫޕަކުން ކަމަށް، ޖަނަވާރުންގެ ހިމާޔަތުގައި އުޅޭ ބައެއް ފަރާތްތަކުން ބުނެއެވެ.

އޭގެ ފަހުންވެސް އެކި ފަހަރުގެ މަތިން، މާލޭގެ މަގުމަތީގައި އުޅޭ ބުޅަލަށް އަނިޔާކުރާ މައްްސަލަތައް ފެންމަތިވެފައިވެއެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މަގުމަތީގައި އުޅެމުންދާ ބުޅާތައް ބަލަހައްޓައި ގެންގުޅުމަށް ހާއްސަ ތަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.

ބުޅަލަކީ އޭގެ ސާފުތާހިރުކަމުގެ ސަބަބުން އިސްލާމްދީނުގައި ވަރަށް މާތް ކުރައްވާފައިވާ ޖަނަވާރެކެވެ. ބުޅަލަށް އިހާނެތިކޮށް ނުހިތުމަށް ރަސޫލާ މުހައްމަދު ﷺ ވެސް ވަނީ އަންގަވާފައެވެ. ބުޅަލަކީ މުހައްމަދުގެފާނު ވަރަށް ކާމޭހިތްތެވި އަދި ލޯބިފުޅު ކުރެއްވި ޖަނަވާރެކެވެ.

ހައްގަކާ ނުލައި ޖަނަވާރުންނަށް އަނިޔާވެރިވުން އިސްލާމްދީން މަނާކުރައްވައެވެ.