ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ޝަހްސިއްޔަތުތަކުގެ ތެރެއިން، މި މައިދާނުގައި ހިސާބު ޖަހާލާއިރު ޤާސިމް އިބްރާޙީމާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްލެއްވޭނެ އިތުރު ބޭފުޅަކު ނެތްކަމަށް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ސައުދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ، ސިޔާސީ މައިދާނުގައި ޤާބިލް އެތައް ބޭފުޅުންތަކެއް ތިއްބެވި ކަމަށްވީ ނަމަވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާޙީމާ އެއްހަމައަކަށް އާދެވޭނެ އެހެން އެއްވެސް ބޭފުޅަކު ނެތްކަމަށެވެ.

ދިވެހިރައްޔިތުންގެ ހައްގުގައި ޤާސިމް ވެވަޑައިގެންނެވި ގުރުބާނީތަކާއި، ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަންތައްތަކަކީ އެކަމުގެ އަގު އަދާނުކުރެވޭނެ ވަރުގެ ކަންތައްތަކެއްކަން ފާހަގަކުރައްވަމުން ސައުދު ވިދާޅުވީ، ޤާސިމްގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތަކެއް އަޅުއްވައި، އައު ޖީލަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ބަޔަކު މަސައްކަތްކުރަނީ ސިޔާސީ ގޮތުން ވަކި މަގްސަދެއް ހާސިލްކުރުމަށް ކަމަށެވެ.

އެހެންނަމަވެސް، އެ އަޅުވާ ތުހުމަތުތަކަކީ އެއްވެސް ބުރަދަނެއް، ހަގީގަތެއްނެތް ތުހުމަތުތަކެއް ކަމަށާއި، ޤާސިމްގެ ޚިދުމަތްތަކަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންތައްތަކެއް ނޫންކަން ސައުދު ފާހަގަކުރެއްވިއެވެ.

"ސިޔާސީ މަސްރަހަށް ބަލާލީމާ، ޤާސިމް އިބްރާޙީމާ ހިސާބުޖަހާލާ ހިސާބަށް އާދެވޭނެ އެއްވެސް ބޭފުޅެއްނެތް. ރާއްޖޭގެ ތާރީޚަކުވެސް ނާދޭ. ސޯޝަލް މީޑިއާ ބޭނުންކޮށް ރާއްޖޭގެ ރައްޔިތުންނަށް، ހާއްސަކޮށް ނިއު ޖެނެރޭޝަންތަކަށް ޤާސިމް އިބްރާޙީމް ވިއްކަނީ ގޯސްކޮށް. ނުބައި ނިޔަތެއްގައި ނުބައި ވާހަކަތަކެއް ވިއްކަނީ ވެސް. އޭގެ ޒާތުގައި އެބޭފުޅާއަކީ ކާކުކަން ބުނެދޭން ވެސް ނޭނގެނީ އެމީހުންގެ ސިޔާސަތުތައް ފޮރުވަންވެގެން. މިފަދަ ކޮލިޓީއެއްގެ ބޭފުޅަކު ނިކުތީމާ އެ ބޭފުޅާގެ އަބުރު ކަތިލުން ނޫން ކަމެއް ނުކުރޭ. އެހެންނަމަވެސް، މިއިން މީހަކު ޤާސިމް ކޮށްދީފައިވާ ޚިދުމަތްތަކާއި ކޮށްދީފައިވާ ކަންތައްތައް ރަނގަޅަށް ހޯދައި، ބަލައި، އެކަންކަން ދެނެގަނެފިނަމަ އެނގޭނެ ސުބުހާނަﷲ، މިއީ އާދައިގެ ބޭފުޅެއް ނޫންކަން".
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ސައުދު

ސައުދު އިތުރަށް ވިދާޅުވީ، ޤާސިމަކީ މީގެކުރިން އައި ސަރުކާރުތައް އުފެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާ ކަމަށާއި، އެ ސަރުކާރުތައް އުފެއްދެވި ބޭފުޅާއަށް ސަރުކާރެއް ހިންގެވުމުގެ ފުރުސަތު މިއަދު ދިވެހިން ދޭންޖެހޭ ކަމަށެވެ.

މާޒީގައި ބައެއް ވެރިންގެ ފަރާތުން ޤާސިމްގެ އަމިއްލަ ދިރިއުޅުމަށާއި، ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދިން ނަމަވެސް، އެކަންކަމުގެ ބަދަލު ޤާސިމް ނުހިއްޕަވާނެ ކަމަށާއި، އެމަނިކުފާނަކީ މާޒީގައި ވެސް އަދި ފަހުން ވެސް އެއްވެސް މީހަކަށް އަނިޔާވެރިވާނެ މީހެއް ނޫންކަން ސައުދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ވެރިކަންތައް ބަދަލުވާއިރު، ކުރިން ވެރިކަންކުރި ބޭފުޅަކު ހައްޔަރުކޮށް، އެކި ކަހަލަ އަނިޔާ ދިން ނަމަވެސް، ޤާސިމް އެފަދައިން އަމަލުނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސައުދު ދެއްވިއެވެ.

"މި މައިދާނުގައި އުޅޭ އެތައް ބޭފުޅަކަށް ވެރިކަން ކުރުމުގެ ފުރުސަތު އެބޭފުޅާ ވެސް ދީފި. އެބަޖެހޭދޯ މި ބޭފުޅުންނަށް ފުރުސަތުދިން މީހާއަށް ފުރުސަތުދޭން. ރާއްޖޭގައި ކަން މި އޮންނަ ގޮތަކީ، އެއް ވެރިކަން ބަދަލުވެ އަނެއް ވެރިކަން އަންނައިރު ކުރިން ވެރިކަންކުރި މީހާ ހައްޔަރުކޮށް ބަންދު ކުރުމާ ނުވަތަ ސިޔާސީގޮތުން މާ ގަދަފަދަ ވެއްޖެއްޔާމު ކޮންމެވެސް ކަހަލަ އަނިޔާއެއް ދިނުން. މިގޮތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ، މި ހުރިހާ ރިވެންޖުތައް ނުނަގާނެ މީހަކަށް ވެރިކަންދޭން. އެ މީހަކީ ވެސް އޮނަރަބަލް ޤާސިމް އިބްރާޙީމް. މީހަކަށް ދުވަހަކުވެސް ކުޑަނަމަވެސް އަނިޔާއެއް ދީފައި ނުވާކަމުގެ ހިސްޓްރީއެއް އޮތް މީހެއް ޤާސިމް އިބްރާޙީމަކީ".
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ސައުދު

ސިޔާސީ މަސްރަހަށް ނިކުންނެވުމުގެ ކުރިން، ޤާސިމް އިބްރާޙީމްގެ ނިޔަތަކީ، ތަނަވަސްކަން ހުރީތީވެ ދިވެހި ރައްޔިތުންނަށް ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވުން ކަމަށާއި، ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ ކުރިއަށްވުރެ ބޮޑަށް އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވޭނެ ގޮތެއް ހޯއްދަވައިދެއްވުމުގެ ނިޔަތުގައިކަމަށް ސައުދު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިޚާބަށް ޖޭޕީން ތައްޔާރުވަމުން އަންނައިރު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމުގެ ޖަލްސާ މި މަހުގެ 9 ވަނަ ދުވަހު އޮންނައިރު، މި ޖަލްސާއިން ޖުމްހޫރީ ޕާޓީގެ "ހަގީގީ ސައިޒު" ފެނިގެންދާނެކަމަށް ސައުދު ވިދާޅުވިއެވެ. އަދި ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވެސް 30،0000 އިން މައްޗަށް އަރާފައިވާނެ ކަމަށާއި، އިންތިޚާބާ ހަމައަށް އަންނައިރު ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ވާނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވެސް ސައުދު ވިދާޅުވިއެވެ. މިވަގުތު ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި 38،704 މެމްބަރުން އެބަތިއްބެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދު 22،607 އަށް އަރައެވެ. އެހެންނަމަވެސް ފާއިތުވީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއާ އަލަށް ގުޅިފައިވެއެވެ. އެގޮތުން ހުސްވި މެއި މަހުގެ 25 ވަނަ ދުވަހު ޖޭޕީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ބޭއްވެވި "ފުރަވީރުން" ހަރަކާތުގެ ތެރެއިން އެކަނިވެސް އެ ޕާޓީއާ 2023 މެމްބަރުން އަލަށް ގުޅިފައިވެއެވެ.