ކަނޑު ވިއްކާލުމާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން ބާއްވާ މުޒާހަރާއަށް ދައުވަތު ދިނުމުގެ ގޮތުން މާލޭގެ މަގުތަކަށް ކަރުދާސް އުކުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
"ވީނިއިސް"ގެ ނޫސްވެރިންނަށް ފާހަގަކުރެވިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މާލޭގެ މަގުތަކަށް ވަނީ ގިނަ އަދަދެއްގެ ކަރުދާސް އުކާފައެވެ. އަދި މިއަދުގެ ހަވީރު ވީއިރުވެސް ކަރުދާސްތައް ނަގައި މަގުތައް ސާފުކޮށްފައި ނުވެއެވެ.
މިކަމާ ގުޅިގެން "ކަނޑު ވިއްކާލުމާ ދެކޮޅު" އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށްވަނީ ސޯޝަލްމީޑިއާގައި ފާޑުކިޔުން އަމާޒުވެފައެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި ކަނޑު ހޯދަން ދާ މީހުންވަނީ މަގުތައް ޚަރާބުކޮށްފައެވެ. އަނެއް ބަޔަކު ބުނި ގޮތުގައި، މިފަދަ ޑިޖިޓަލް ޒަމާނެއްގައި ކަމަކަށް ދައުވަތު ދިނުމަށް މަގުތަކަށް ކުނި [ކަރުދާސް] އަޅަންނުޖެހެއެވެ.
މިޒަމާނަކީ އެއަށްވުރެ މާފަސޭހައިން ކަންކަން ވާން އޮތް ޒަމާނެއްކަން ފާހަގަކޮށް އާންމުން ޚިޔާލުފާޅު ކުރި ގޮތުގައި މިއީ މަގުތަކަށް ކަރުދާސް އަޅައި، ޕިކަޕުގައި އަޑުގަދަކުރާއިން ގޮވަމުން ދުއްވާ ޒަމާނެއް ނޫނެވެ. އެއަށްވުރެ ތަހުޒީބުވާންޖެހޭ ކަމަށް އާންމުންވަނީ ބުނެފައެވެ.
ދިވެހިރާއްޖެ އާއި ޗާގޯސް އާއި ދެމެދު އޮންނަ ކަނޑު ބެހުމުގައި ދިވެހި ސަރުކާރުން އަމަލު ކުރިގޮތް ކުށްވެރިކޮށް އިދިކޮޅު ފަރާތްތަކުން ބާއްވާ "ބާނަ ބާނާ ތިއްބާ އެވިއްކާލީ ކަނޑު" އެއްވުން ތާވަލުކޮށްފައިވަނީ މިރެއަށެވެ. ކާނިވާ ސަރަހައްދުގައި އޮންނަ ޖަލްސާ ފަށާނީ މިރޭ 8:45 ގައެވެ.
މިޖަލްސާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސްގެ އިތުރުން އެމްއެންޕީ ބައިވެރިވާނެއެވެ. އޭގެ އިތުރުން ކުރީގެ ދެ ބަންޑާރަ ނައިބުންކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި، އާޒިމާ ޝުކޫރު އާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ޖަލްސާގައި ބައިވެރިވާނެއެވެ.
މިޖަލްސާގައި ރާއްޖޭގެ ތިންވަނަ އަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެއެވެ. މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެދުނު ސަބަބު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްވަނީ ހާމަކުރައްވާފައެވެ.
ޤާސިމް ވިދާޅުވީ އެއްވުމުގެ މަގުސަދަކީ ރައީސް ސޯލިހް މަޤާމުން ވަކި ކުރުންކަމުގައި ވާނަމަ އެކަން ނުކުރެއްވޭނެކަމަށެވެ. އަދި ރައީސް މަޤާމުން ވަކި ކުރެވޭނެ ހަމައެކަނި ގޮތަކީ ޤާނޫނުއަސާސީގެ ހަމަތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އިއްތިހާދުން ބާއްވާ އެއްވުމަށް ޖުމްހޫރީ ޕާޓީގެ މެމްބަރުން ނުދާން އެދިވަޑައިގެންނެވީ، މި އެއްވުމުން ފައިދާހުރި ނަތީޖާއެއް ނެރެވޭނެކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާތީކަމަށެވެ. އަދި އެއްވުމުގައި ބައިވެރިވެގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ ނުއުފެއްދުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.