ދިވެހިރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑު ބެހުމުގައި ދިވެހި ސަރުކާރުން އަމަލު ކުރިގޮތް ކުށްވެރިކޮށް އިދިކޮޅު ފަރާތްތަކުން ބާއްވާ "ބާނަ ބާނާ ތިއްބާ އެވިއްކާލީ ކަނޑު" އެއްވުމުގައި އާންމު ސުލްހައަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

އެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިރޭގެ ޖަލްސާއަށް އެހެން ރަށްރަށުންވެސް މީހުން މާލެއަށް އަންނަ ކަމަށާއި ބައެއް ފަރާތްތަކުން ޤާނޫނާ ހިލާފު އަމަލުތައް ކުރުމަށް ރާވަމުންދާ ކަމަށް މައުލޫމާތު ލިިބިފައިވާ ކަަމަށެވެ.

ބަޔާނުގައި ވަނީ މި ހަރަކާތުގައި އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.

ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ހިންގާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ތަންތަނާއި މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަކީ ފުލުހުން ވަރަށް އިސްކަންދީގެން ކުރާނެ ކަމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މިޖަލްސާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސްގެ އިތުރުން އެމްއެންޕީ ބައިވެރިވާނެއެވެ. އޭގެ އިތުރުން ކުރީގެ ދެ ބަންޑާރަ ނައިބުންކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި، އާޒިމާ ޝުކޫރު އާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ޖަލްސާގައި ބައިވެރިވާނެއެވެ.

މިޖަލްސާގައި ރާއްޖޭގެ ތިންވަނަ އަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެއެވެ. މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެދުނު ސަބަބު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްވަނީ ހާމަކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ އެއްވުމުގެ މަގުސަދަކީ ރައީސް ސޯލިހް މަޤާމުން ވަކި ކުރުންކަމުގައި ވާނަމަ އެކަން ނުކުރެއްވޭނެކަމަށެވެ. އަދި ރައީސް މަޤާމުން ވަކި ކުރެވޭނެ ހަމައެކަނި ގޮތަކީ ޤާނޫނުއަސާސީގެ ހަމަތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އިއްތިހާދުން ބާއްވާ އެއްވުމަށް ޖުމްހޫރީ ޕާޓީގެ މެމްބަރުން ނުދާން އެދިވަޑައިގެންނެވީ، މި އެއްވުމުން ފައިދާހުރި ނަތީޖާއެއް ނެރެވޭނެކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާތީކަމަށެވެ. އަދި އެއްވުމުގައި ބައިވެރިވެގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ ނުއުފެއްދުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.