އަވަށްޓެރި އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު 230 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ދެ ޕެސެންޖަރު ރޭލެއް ވެއްޓި 233 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ. އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބަލަސޯރު ޑިސްޓްރިކްޓްގައި މިދިޔަ ހުކުރު ދުވަހު ހިނގި މި އެކްސިޑެންޓުގައި 900 މީހުން ޒަހަމްވެފައިވެސް ވެއެވެ.

އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަދަދުތައް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އަވަސްފަރުވާދޭ ސިއްހީ އެހީތެރިންނާއެކު އެކްސިޑެންޓް ހިނގި ސަރަހައްދަށް 200 އަށް ވުރެ ގިނަ އެމްބިއުލާންސް ފޮނުވާފައި ފެއެވެ. އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށް 100 އެއްހާ ޑޮކްޓަރުންވަނީ ހަރަކާތްތެރިވެފައެވެ.

ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި މީހުން ސަލާމަތްކުރުމުގައި ރެސްކިޔު ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް ރޭލުތަކަށް އަރައި ހަރަކާތްތެރިވެފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ހާއިރެވެ.

އެކްސިޑެންޓް ހިނގީ ބެންގަލޫރުން ވެސްޓް ބެންގާލްގެ ހާވަރާއަށް ދުއްވާފައި ދިޔަ ހާވަރާ ސުޕަފާސްޓް އެކްސްޕްރެސް އާއި ކަލްކަތާއިން ޗެންނާއީއަށް ދަތުރުކުރާ ކޮރޮމަންޑެލް އެކްސްޕްރެސް ޖެހިގެންނެވެ.

އިންޑިއަން ރޭލްވޭސްގެ ތަރުޖަމާނު އަމީތާބް ޝަރުމާ ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓުގެ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ.