ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ، ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭކަމަށް، މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ.

މެޕްސް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަސްވެނިވެގެން ނިކުންނައިރު ތިމާއާއި އެހެން މީހުންނާ ތަފާތުވާންޖެހޭނެ ކަމަށާއި ތިމާ މަސައްކަތްކުރާ މާހައުލުގައި ތިމާއަކީ މިހާރަށްވުރެ އިތުރަށް އިލްމު އުނގެނިހުރި މީހެއްކަން އެހެންމީހުން ލައްވާ ބުނުވަން ޖެހޭނެ ކަމަށެވެ.

އެބަދަލު ނުގެނެވޭ ކަމުގައިވާނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށާއި ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" މުޖުތަމައަށް ނުކުމެ މަސައްކަތް ކުރާއިރު އަބަދުވެސް މަސައްކަތް ކުރަންވާނީ ތިމާގެ ސަބަބުން ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް މުޖުތަމައަށް ގެނެވޭތޯ"
މަތީ އަތުލީމާ ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން

މިނިސްޓަރު ވިދާޅުވީ ތައުލީމު ހޯދަން ހޭދަކުރާ ދުވަސްތަކަކީ މުހިންމު ދުވަސްތަކެއް ކަމަށާއި އެދުވަސްތައް މުހިއްމުވަނީ ތައުލީމާއި ހުނަރު އަދި ތައުލީމު ހޯދާ ދާއިރާއިން އެހެންމީހުންނާ ގުޅިގެން ގާތްކަން އުފައްދަން ލިބޭ ދާއިރާއަކަށްވާތީ ކަމަށެވެ.

"އެދުވަސްތަކަކީ ތިމާގެ ޕާސަނަލިޓީއާއި ކެރެކްޓަރ ބައްޓަންވެގެންދާނެ ދުވަސްތަކެއް. ތިމާއަށް ޒަމާންވީ ރައްޓެހިން ވެސް ހޯދަން ލިބޭ ދުވަސްތަކެއް ކަމަށްވާތީ. ތިމާ ތައުލީމު ހާސިލުކުރާ ދާއިރާއިން އެހެންމީހުންނާއި ގުޅި ގާތްކަން ލިބޭ ފުރުސަތަކަށް ވެގެންދާތީވެ. އެއްގޮތަކަށްވުރެ ގިނަ ގޮތަކަށް ދަންނަވާނަމަ ކޮލެޖެއްގައި ތައުލީމު ހޯދަން މަސައްކަތް ކުރާ ދުވަސްވަރަށްވުރެ ވަކިން އުފާވެރި ދުވަސްތަކެއް ހަޔާތުގައި ނާންނާނެ. "
މަތީ އަތުލީމާ ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން

ރާއްޖޭގައި މީހުން ބިނާކުރުމުގައި ޕްރައިވެޓް ސެކްޓަރ އިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރާ ކަމަށާއި ރާއްޖެއަށް މީހުން ބޭނުންވެފައިވާ ދާއިރާތަކަށް މީހުން ބިނާކުރުމަކީ ސަރުކާރަށް އެކަނިކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރުވެސް ރާއްޖޭގެ ކޮލެޖުތަކުން ސަރުކާރާއި އެކީ މަސައްކަތްކުރާކަމަށާއި ގައުމަށް ލިބެމުންދާ ރޯޝަނީ ދުވަސްތަކަކީ އެންމެން ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ މަރުކަޒެކެވެ. ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއި، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތަކުގައި ކިޔެވުމުގެ ފުރުޞަތު އެކޮލެޖުން ފަހިކޮށްދެއެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު އޮންލައިންކޮށް ގިނަ ކޯސްތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކޮލެޖެކެވެ.