އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާސް އެންޑް ޕާލިމެންޓަރީ އެފެއާސް، ވެއްލެމްވެލީ މުރަލީދަރަން، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑާއިގަންނަވައިފިއެވެ.
ސްޓޭޓް މިނިސްޓަރު ވީ. މުރަލީދަރަން ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދާއި ހާރިޖިއްޔާގެ އިސް ބޭފުޅުންނެވެ.
އިންޑިއާގެ ސްޓޭޓް މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މަގުފަހިކޮށްދޭ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި އައްޑޫ ރިކްލެމޭޝަން ޕްރޮޖެކްޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިދަތުރުފުޅުގެ ތެރެއިން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި ދެގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް ބަދަލުކުރުން އޮންނާނެކަމަށް ހާރިޖިއްޔާއިން މައުލޫމާތުދެއެެވެ.
އަދި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތަރައްގީކޮށްފައިވާ ފަތުރުވެރިކަމުގެ ތިން ޒޯންކަމަށްވާ އައްޑޫ ސިޓީގެ ފޭދޫ، ހިތަދޫ އަދި ހުޅުދޫގައި މި މަޝްރޫއުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައިވެސް ސްޓޭޓް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިކަމާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ވީ.މުރަލީދަރަންވަނީ މި ދަތުރުފުޅުގެ ސަބަބުން އިންޑިއާގެ ހިލޭ އެހީގެ ދަށުން ތަރައްގީކޮށްފައިވާ ޓޫރިޒަމް ޒޯންތަކުގެ ސަބަބުން އައްޑޫއަކީ ފަތުރުވެރިކަމުގެ ހަބަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.