ޖުމްލަ 1.5 ބިލިއަން ރުފިޔާ ޚަރަދުކުރާ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ، ބޮޑު މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ.

ރައީސް ޞާލިޙް މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ، މިއަދު ހަވީރު އައްޑޫސިޓީގެ މަރަދޫއާ ހަންކެޑަ ގުޅޭ ސަރަޙައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ޖުމްލަ 1.5 ބިލިއަން ރުފިޔާ ޚަރަދުކުރާ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. ހަމަ އެއާއެކު އިތުރު މަޝްރޫޢެއްގެ ދަށުން 42 ހެކްޓަރ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫޢެއް ހިންގާނެއެވެ.

މި މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫއާއެކު އެ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުނީ ކަމަށެވެ. އަދި އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަކީ، މީގެކުރިން ހަމައެކަނި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އޮތްކަމެއް ނަމަވެސް، މިހާރު ބިން އިތުރުކުރުމުގެ މި ބިޔަ މަޝްރޫޢާއެކު ތަރަޢްޤީގެ ހެޔޮބަދަލު އައްޑޫ ސިޓީގައި އަމަލީގޮތުން ފެށުނީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދުނިޔެއަށް ހުޅުވައިލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫސިޓީ ބަދަލުކުރުމަކީ، މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް. އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން މި ކުރަނީ އެކަމަށް ބޭނުންވާ ކަންކަން. އައްޑޫ ސިޓީއަށް ބަދަލު އަންނާނީ، އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ. މިއަދު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ ޢަމަލީ މަންޒަރު. އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު އެވަނީ މެކުހަށް ޖަހާފައި. 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން، 190 ހެކްޓަރުގެ އިތުރު ބިން، ތިޔަބޭފުޅުންގެ މި އައްޑުއަށް އެ ދަނީ އިތުރުވަމުން. އަދި ހަމަ އެއާއެކުއެކީ، އިތުރު މަޝްރޫޢެއްގެ ގޮތުގައި، ހުޅުމީދޫއަށް އިތުރުވާ 42 ހެކްޓަރުގެ ބިމަކީ އައްޑޫ ސިޓީއަށް އިތުރުވާ ބިން. އެއީ 179 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެއް. ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ތިޔަބޭފުޅުން ނުކުމެވަޑައިގަތީ، މި މަޝްރޫޢުތައް އައްޑޫ ސިޓީއަށް ބޭނުންވާތީ. އެކަން އެދަނީ ހިނގަމުން".
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢާ މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ދަނީ ހަންކެޑެ ތަރައްޤީކޮށް ނިމޭއިރު އެތަނާގުޅޭ ޕްލޭނާވެސް އެއްގޮތަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެކި ފަންތީގެ ފަތުރުވެރިކަމާ ގުޅޭ ވަޞީލަތްތަކަށް ފަހިވާގޮތަށް ހަންކެޑަ ފަރުމާކޮށް ތަރައްޤީކުރާނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޓުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއަކީ އިންޓަރގްރޭޓެޑް ރިޒޯޓް، ހޮޓާ، ގެސްޓް ހައުސް ހިމެނޭ ވަށާޖެހޭ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު މި މަޝްރޫޢު ފެށުމުގެ މަރުޙަލާގައި ވާކަމަށާއި ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ހަންކެޑެ މަޝްރޫއާ އަދި މިހާރު ރޭވިފައިވާ ހުރިހާ މަޝްރޫޢުތަކެއް ނިމޭއިރު އައްޑޫ ސިޓީގައި 7000 ޓުއަރިސްޓް އެނދު އޮޕަރޭޓްކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދާއިރު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށްގެންދިއުމަށް އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކުރިން ކޮންކްރިޓް އަޅައިގެން ހަދަން ހަމަޖެހިފައިވާ 67 ކިލޯމީޓަރުގެ މަގުތައް ރައްޔިތުން އެދުނު ގޮތަށް ތާރުއަޅައިގެން ހެދުމަށް މިހާރު ހަމަޖެހިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިހާރު ހިނގަމުންމިދާ މަގު ހެދުމާއި، ބިން އިތުރުކުރުމުގެ މަސައްކަތް ޑިޒައިން ވެގެން ކުރިއަށް އެ ދަނީ، ހަންކެޑެ ނިމޭއިރު، އެތަނާ ގުޅޭ ފުރިހަމަ ޕްލޭނާ އެއްގޮތަށް. ހަންކެޑެ މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް، ޖުމްލަ 600 ޓޫރިސްޓް އެނދު އިތުރުވާނެ. މިއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫޢެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫޢުތައް ނިމޭއިރު، ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫސިޓީގައި އޮޕަރޭޓް ވެގެންދާނެ".
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް

މި މަޝްރޫއު ރަސްމީކޮށް ފެށުމަށް އަދި އައްޑޫގައި ސަރުކާރުން ހިންގާ އެކިއެކި މަޝްރޫއުތައް އިފްތިތާހުކުރުމާއި އެހެނިހެން ކަންކަމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މީގެއިތުރުން، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ޒިޔާރަތްކުރެއްވި އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާސް އެންޑް ޕާލިމެންޓަރީ އެފެއާސް، ވެއްލެމްވެލީ މުރަލީދަރަން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.