ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވަމުންގެންދާ އެހީތެރިކަމަށް ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ޝުކުރުއަދާކުރައްވައިފިއެވެ.
ރައީސް ޞާލިޙް، ހިފެހެއްޓުމެއްނެތް ޝުކުރު އިންޑިއާގެ ބޮޑުވަޒީރަށް އަދާކުރެއްވީ، 1.5 ބިލިއަން ރުފިޔާގެ ބިޔަ ބޮޑު، އައްޑޫ ބިން ހިއްކައި އިތުރުކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މަޝްރޫޢުއަކީ ވެސް އިންޑިއާގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ. މިއީ އައްޑޫގައި ފަހުގެ ތާރީހެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއެވެ.
މި މަޝްރޫޢު ރަސްމީކޮށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވަނީ، ރާއްޖޭގެ ތަރައްގީއަށް މި އަންނަ ކުރިއެރުންތަކުގައި ފާއިތުވީ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އިންޑިއާއިން ކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި، ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަމުން އަންނަ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން، ހަނިމާދޫ އެއަރޓާއި، މާލޭ ހައުސިންގ ޕްރޮޖެކްޓް، ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖް، އައްޑޫ މަގުހެދުން، ބިން ހިއްކުން، ގަން އެއަރޕޯޓް، މިހެންގޮސް އެތައް އެތައް ދީލަތި އެހީތަކެއް އިންޑިއާ ސަރުކާރުން ރާއްޖެއަށް މިވަގުތު ވަމުން އަންނަކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ހުރިހާ ކަމަކަށް، އަމިއްލަ ނަންފުޅުގައި އާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ޞާލިޙް ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު ދަންނަވާފައެވެ.
މި ހުރިހާ މަޝްރޫޢުތަކާއެކު، 2028 ވަނަ އަހަރު ނިމޭއިރު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ބޮޑުތަނުން އިތުރުވެ، އިގްތިސާދު ދެގުނަވެގެންދާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ފާއިތުވަމުން މިދާ ރިޔާސީ ދައުރުގެ ތެރޭގައި، ކުރެވުނު މަސައްކަތާއި ކުރަންހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއްވާކަމަށް ވިދާޅުވެފައެވެ. އެއީ، ރާއްޖޭގެ ޙާލަތު، ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވުން ކަމުގައި ރައީސް ވިދާޅުވިއެވެ.
2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު، ދެގުނަ ވެގެންދާ ދިޔުމަކީ، ކުރު މުއްދަތަކުން ގެނެވޭނެ އެންމެބޮޑު އެއް ބަދަލުކަމަށާއި މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ފަސް އަހަރުފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެކަމުގެ އުއްމީދު ބޮޑުކަމަށާއި، އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކުރެވެމުންދާކަން ރައީސް ހާމަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދު ދެގުނަކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތް ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ހަމައަށް ހަލުވި ދުވެލީގައި ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ، މި މަސައްކަތުގެ "ބުޑު ބަހައްޓާނެ" ބިމަކީ އައްޑޫގައި ހިއްކާ ބިން ކަމަށެވެ. ރާއްޖެ ތަރައްގީކުރެވޭނީ މުޅި ރާއްޖެއަށް އެ ތަރައްގީ ގެނެސްގެންކަމަށާއި، މި އަޒުމުގައި މަސައްކަތްކޮށްގެން މެނުވީ ދިވެހިން ބޭނުންވާ މަންޒިލާ ހަމައަށް ވާސިލް ނުވެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އިންޑިއާ ސަރުކާރަށާއި، އިންޑިއާގެ ރައްޔިތުންނަށް ރައީސް ޞާލިޙް ޝުކުރު ދެންނެވިއިރު، އައްޑޫގައި ހިންގާ މަޝްރޫޢު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާސް އެންޑް ޕާލިމެންޓަރީ އެފެއާސް، ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.