ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުހަބާ ވިދާޅުނުވާކަަމަށްބުނެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް އުރުދުޣާން ވެރިކަމުގެ އައު ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

ހުސްވި މެއި މަހުގެ 28 ވަނަ ދުވަހު ތުރުކީވިލާތުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ. ވެރިކަމުގެ އައު ދައުރަށް ރަޖަބް ޠައްޔިބް އުރްދުޣާން ހުވާކުރެއްވުމުގެ މި ރަސްމިއްޔާތުގައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތަށް ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއި ވަފުދުތަކުގެ ޝަރަފްގައި ތުރުކީވިލާތުގެ ރައީސް ދެއްވާ ރޭގަނޑުގެ ފަރިއްކޮޅެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖެއިން ތުރުކީވިލާތާއެކު ސިޔާސީގުޅުން ޤާއިމްކޮށްފައި ވަނީ، 28 މޭ 1979 ގައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް މީގެ ކުރިން މަރުހަބާ ވިދާޅުވެފައިވާކަން ފާހަގަކޮށް ތުރުކީވިލާތުގެ ރައީސް އުރުދުޣާންފަދަ އިސްލާމީ އުންމަތުގެ ކަންކަމުގައި ބަސްފުޅު ވިދާޅުވާ ލީޑަރަކަށް ރައީސް މަރުހަބާ ވިދާޅުނުވާކަމަށްބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި އާއި، މީސްމީޑިއާގެ މަންސަތަކުގައި ވަނީ ނުރުހުންފާޅުކޮށްފައެވެ. އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމަށް ވެސް މި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމާއި، އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އުރުދުޣާން އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.