އަވަށްޓެރި އިންޑިއާގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ހިތާމަފާޅުކުރައްވައި ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓުވިޓެއްގައިވަނީ، އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބަލަސޯރު ޑިސްޓްރިކްޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓެއްގެ ސަބަބުން މަރުވެދިޔަ އަދި ގެއްލުންވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކުރައްވައި އިންޑިއާގެ ބޮޑުވަޒީރާއި ރައީސް ގެ އިތުރުން ހާދިސާގައި އަސަރުކުރި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

ޓުވިޓުގައި އެމަނިކުފާނުވަނީ، މި ހާދިސާއަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓްކަން ފާހަގަކުރައްވައި ހާދިސާގައި 261 ފަރުދުންގެ ފުރާނަ ގެއްލިފައިވުމަކީ އެމަނިކުފާނަށް ނުހަނު ހިތްދަތިކަމާއި ހިތާމަގެނުވިކަމެއްކަން ހާމަކުރައްވާފައެވެ.

އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓްގައި ދެ ޕެސެންޖަރު ރޭލެއް ވެއްޓި 233 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ. އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބަލަސޯރު ޑިސްޓްރިކްޓްގައި ހުކުރު ދުވަހު ހިނގި މި އެކްސިޑެންޓުގައި 900 މީހުން ޒަހަމްވެފައިވެސް ވެއެވެ.

އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަދަދުތައް އަދިވެސް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އަވަސްފަރުވާދޭ ސިއްހީ އެހީތެރިންނާއެކު އެކްސިޑެންޓް ހިނގި ސަރަހައްދަށް 200 އަށް ވުރެ ގިނަ އެމްބިއުލާންސް ފޮނުވާފައިވެއެވެ. އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށް 100 އެއްހާ ޑޮކްޓަރުންވަނީ ހަރަކާތްތެރިވެފައެވެ.

ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި މީހުން ސަލާމަތްކުރުމުގައި ރެސްކިޔު ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް ރޭލުތަކަށް އަރައި ހަރަކާތްތެރިވެފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 7:30 ހާއިރެވެ.

އެކްސިޑެންޓް ހިނގީ ބެންގަލޫރުން ވެސްޓް ބެންގާލްގެ ހާވަރާއަށް ދުއްވާފައި ދިޔަ ހާވަރާ ސުޕަފާސްޓް އެކްސްޕްރެސް އާއި ކަލްކަތާއިން ޗެންނާއީއަށް ދަތުރުކުރާ ކޮރޮމަންޑެލް އެކްސްޕްރެސް ޖެހިގެންނެވެ.

އިންޑިއަން ރޭލްވޭސްގެ ތަރުޖަމާނު އަމީތާބް ޝަރުމާ ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓުގެ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ.