އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން މަރުވި އަދި އަނިޔާވި މީހުންގެ އާއިލާތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް ޞާލިޙް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި ވިދާޅުވީ، އިންޑިއާގެ އޮޑިޝާ ސްޓޭޓްގައި ހިނގި ރޭލު އެކްސިޑެންޓްގެ ޚަބަރު ލިބުމުން ހިތާމަކުރާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހެޔޮ އެދުމާއި ހެޔޮ ދުޢާވަނީ އެކްސިޑެންޓާ ގުޅިގެން މަރުވި އަދި އަނިޔާވި މީހުންގެ އާއިލާތަކާއި އެގައުމުގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއާއެކުގައި ކަމަށެވެ.

އަވަށްޓެރި އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު 288 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ދެ ޕެސެންޖަރު ރޭލެއް ވެއްޓި 288 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ. އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބަލަސޯރު ޑިސްޓްރިކްޓްގައި މިދިޔަ ހުކުރު ދުވަހު ހިނގި މި އެކްސިޑެންޓުގައި 900 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެސް ވެއެވެ.

އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަދަދުތައް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އަވަސްފަރުވާދޭ ސިއްހީ އެހީތެރިންނާއެކު އެކްސިޑެންޓް ހިނގި ސަރަހައްދަށް 200 އަށް ވުރެ ގިނަ އެމްބިއުލާންސް ފޮނުވާފައިވެއެވެ. އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށް 100 އެއްހާ ޑޮކްޓަރުންވަނީ ހަރަކާތްތެރިވެފައެވެ.

ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި މީހުން ސަލާމަތްކުރުމުގައި ރެސްކިޔު ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް ރޭލުތަކަށް އަރައި ހަރަކާތްތެރިވެފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ހާއިރެވެ.

އެކްސިޑެންޓް ހިނގީ ބެންގަލޫރުން ވެސްޓް ބެންގާލްގެ ހާވަރާއަށް ދުއްވާފައި ދިޔަ ހާވަރާ ސުޕަފާސްޓް އެކްސްޕްރެސް އާއި ކަލްކަތާއިން ޗެންނާއީއަށް ދަތުރުކުރާ ކޮރޮމަންޑެލް އެކްސްޕްރެސް ޖެހިގެންނެވެ.

އިންޑިއަން ރޭލްވޭސްގެ ތަރުޖަމާނު އަމީތާބް ޝަރުމާ ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓުގެ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ.