"ކަނޑު ވިއްކާލުމާ ދެކޮޅަށް" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމުގައި "އިންޑިއާ އައުޓް" ބެނާ ދެމީ ސީދާ ސަރުކާރުންކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.

އިޓްލޮސް މައްސަލައިގައި ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަތްކުރުމަށް ކަމަށްބުނެ އެކުލަވާލި އިއްތިހާދުގައި ހިމެނޭ ޕީޕީއެމްއާއި ދަ ޑިމޮކްރެޓްސް ވަނީ ބެނާ ދެމީ ސަރުކާރުންކަމަށް ތުހުމަތު ކޮށްފައެވެ.

މިކަމާ ގުޅިގެން ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ،\ ބެނާ ދެމީ ސަރުކާރުން ނޫންކަމަށާއި މި އަމަލަކީ އެއްގަލަކަށް ނޭރޭ ސިޔާސީ ބޭފުޅުން އެއްބަޔަކު އަނެއްބަޔަކަށް ލަނޑުދިނުމަށްފަހު އެކަމުގެ ތެރެއަށް ސަރުކާރު ވައްދަން ހިންގާ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ކަނޑު ވިއްކާލުމާ ދެކޮޅަށް" ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެރޭ އަލިމަސް ކާނިވަލުގައި ބޭއްވި އެއްވުމުގައި ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލާ ޝިއާރު "އިންޑިއާ އައުޓް" ބޭނުންކުރުމުން އެއީ ގައުމީ ކަމަކަށްވުރެ ބޮޑަށް ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި ސިފަކޮށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކާވާކަމެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.

'އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން' މި ނަމުގައި ރައީސް ނެރުއްވި ގަރާރުގައި ރައީސްވަނީ، "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލި ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފާހަގަކުރައްވާފައެވެ.