ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ރައީސްއަށް ފޮނުއްވި ސިޓީފުޅު ކަމަށްބުނެ ދައުރުވަމުން އަންނަނީ ރައީސްގެ ސިޓީފުޅެއް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ.
ރާއްޖެއާއި މޮރީޝަސްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ރާއްޖެއިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާއިރު، މި ސިޓީ އާންމުވެފައި ވަނީ، މި މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވާގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، "ކަނޑު ވިއްކާލުމާ ދެކޮޅު" އިއްތިހާދުން ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާއަށްފަހުއެވެ.
މިކަމާ ގުޅިގެން "ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ، މޮރިޝަސްގެ ރައީސަށް ރައީސް ސާލިހް ފޮނުއްވި ސިޓީފުޅު އާންމުވެފައިނުވާކަމަށާއި، ސޯޝަލް މީޑިއާގައި ދައުރުވަނީ ސައްހަ ލިޔުމެއް ނޫންކަމަށް ވިދާޅުވެފައެވެ.
އިޓްލޮސްގެ ހުކުމާ ގުޅިގެން ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ހާމަކުރުމަށް ގޮވާލަމުން އަންނަނީ ރައީސްގެ މި ސިޓީއެވެ. ސިޓީގައި ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން މޮރީޝަސްއަށް ދިނުމާމެދު ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑު ބަދަލުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދިނުމަށް އިގްރާރުވެ އެއްބަސްވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
އަދިއަދާ ހަމައަށްވެސް ސަރުކާރުން އެ ސިޓީފުޅު ހާމަކުރަން ދެކޮޅުހަދަމުން އަންނަ އައުމަކީ އިދިކޮޅު ފަރާތްތަކުގެ ތުހުމަތުގެ ސައްހަކަން ކަށަވަރުވާކަމެއްކަމަށް ވެސް ގިނަ ފަރާތްތަކަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.