• 3 ރޭލު ޖެހިގެން ހިނގި އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު 294 އަށް

ހުކުރު ދުވަހުގެރޭ އިންޑިއާގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 294 އަށް އަރައިގެން ދިޔައިރު، މި އެކްސިޑެންޓް ހިނގި އަސްލު ސަބަބު ހޯދުމަށް ކަމާބެހޭ އޮފިޝަލުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އެބަގެންދެއެވެ.

އިންޑިއާގެ އިރުމަތީ އޮޑިޝާ ސްޓޭޓްގެ ބާލަސޯރުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ 3 ރޭލު މުޑިއަރައިގެންނެވެ.

މި އެކްސިޑެންޓުގެ ސަބަބުން ރޭލުތަކުގެ ބައެއް ބައިތައް އެއްކޮށް ފުނޑުފުނޑު ވެފައިވާއިރު، ބައެއް ބައިތައް ރޭލު މަގުން އެތައް ހިސާބު ދުރަށް ވިއްސައިގެން ގޮސްފައި ވެއެވެ.

މަންޒަރު ދުށްމީހުން ސިފަކޮށްފައިވަނީ، 3 ރޭލުގެ މުޑިއެރި ބައިތައް އޮތީ ލެއިން ފުރިފައި ކަމަށެވެ. އަތްފައި ވަކިވެ، ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުންނާއި، މަރުވެފައިތިބި މީހުންނާއި ކުޑަކުދިންގެ ހަށިތައް ދުށް މީހުންވެސް އެ މަންޒަރުތައް ސިފަކޮށްދީފައި ވެއެވެ.

މި އެކްސިޑެންޓްގައި މަރުވިކަމަށް މިހާތަނަށް ހާމަކޮށްފައިވަނީ 294 މީހުން ނަމަވެސް، އެ އަދަދު 380 އާ ގާތަށް ޖެހެމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މަރުވި މީހުންގެ އަދަދުތައް މުޅީން ކަށަވަރުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ބޮޑެތި އަނިޔާތައް ލިބި، 1،000 އަށްވުރެ ގިނަމީހުން އޮޑިޝާގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ. ބައެއް މީހުންގެ ހާލަތު ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

3 ރޭލު މުޑިއެރި ގޮތާ ގުޅޭގޮތުން އޮޅުންބޮޅުން ބޮޑު ވާހަކަތައް އިންޑިއާގެ މީޑިއާގައި ދަނީ ފަތުރަމުންނެވެ.

ރޭލު އޮފިޝަލުން ވިދާޅުވެފައިވަނީ، އެކްސިޑެންޓް ހިނގާފައިވަނީ، ރޭލު ދަތުރުގެ ސިގްނަލް ދިނުމުގައި ހެދުނު ގޯހަކުން ކަމަށެވެ.

އެގޮތުން، ކޮލްކަޓާއިން ފުރައިގެން ޗެންނާއީއަށް ދަތުރުކުރި ކޮރޮމަންޑަލް އެކްސްޕްރެސް ރޭލަށް ދެވިފައިވަނީ ނުބައި ސިގްނަލެއް ކަމަށާއި، ނަތީޖާއެއްގެ ގެގޮތުން އެ ރޭލު ދަތުރުކޮށްފައިވަނީ ނުބައި ޓްރެކަކުން ކަމަށް، އޮފިޝަލުންނާ ހަވާލާދީ މީޑިއާއިން ބުނެއެވެ.

ކޮރޮމަންޑަލް އެކްސްޕްރެސް ރޭލު ގޮސް އަރާފައިވަނީ މުދާ އުފުލާ ރޭލަކަށެވެ. އެ ދެރޭލު ޖެހިފައިވަނިކޮށް ބެންގަލޫރުން ކޮލްކަޓާއަށް ދަތުރުކުރި ތިންވަނަ ރޭލު އައިސް ޖެހުނީ އެކްސިޑެންޓް ވެފައިއޮތް ދެރޭލުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ، ރޭލު އެކްސިޑެންޓް ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވައި، އަދި އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދާ ބައެއް މީހުންނަށް ޒިޔާރަތް ކުރައްވާފައެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، މި އެކްސިޑެންޓް ހިނގުމުގައި ޒިންމާވާންޖެހޭ އެކަކުވެސް ސަލާމަތްވިޔަ ނުދެއްވާނެ ކަމަށެވެ.

ހުކުރު ދުވަހުގެރޭގެ އެކްސިޑެންޓަކީ އިންޑިއާގައި މިހާތަނަށް ހިނގި ތިންވަނައަށް އެންމެ ގިނަމީހުން މަރުވި ރޭލު އެކްސިޑެންޓް ކަމަށް އަދި ވަނީ ރެކޯޑްކޮށްފައެވެ.

1981 ވަނަ އަހަރު ބިހާރުގައި ބްރިޖެއް ހުރަސްކުރަނިކޮށް ރޭލެއް ފުރޮޅާލައިގެން ކޯރަށް ވެއްޓި 800-1،000 އާ ދެމެދުގެ އަދަދެއްގެ މީހުން މަރުވި ހާދިސާ ވެފައިވަނީ މިހާތަނަށް އިންޑިއާގައި އެންމެ ގިނަމީހުން މަރުވި ހާދިސާއަށެވެ.

ދެވަނައަށް ރެކޯޑްކުރެވިފައިވަނީ 1995 ވަނަ އަހަރު އާގްރާ ކައިރިން ފީރޯޒްއާބާދުގައި ދެ އެކްސްޕްރެސް ރޭލު މުޑިއަރައިގެން ހިނގި އެކްސިޑެންޓެވެ. މި އެކްސިޑެންޓްގައި 300 އަށްވުރެ ގިނަމީހުން މަރުވިއެވެ.