އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި އުކުޅަހުގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، އުކުޅަހުގައި ކުރިޔަށްދާ 'ބީޓް ޕްލާސްޓިކް ޕޮލިއުޝަން' ފެސްޓިވަލް ބައްލަވާލެއްވުމަށާއި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އުކުޅަހުގައި ބާއްވާ ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެއިތުރުންވެސް އުކުޅަހުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސެވުމުގެ ގޮތުން އެމަނިކުފާނު އއ. އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.