ހުކުރު ދުވަހުގެރޭ އިންޑިއާގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު ދަށަށް ހިންގައްޖެއެވެ.
މަރުވި މީހުންގެ އަދަދު ދަށަށް ދިޔައީ ހިސާބު ކަށަވަރުކުރުމަށް ހަށިތައް އަލުން ގުނުމުން ކަމަށް ވެއެވެ.
އެ ގައުމުގެ އޮފިޝަލުން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓްގައި މަރުވިކަމަށް ވަނީ 294 މީހުންނެވެ. އެ އަދަދު 380 އާ ގާތަށް ޖެހެމުންދާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
މަރުވި މީހުންގެ އަދަދުތައް މުޅީން ކަށަވަރުކުރުމުގެ މަސައްކަތުގެ ތެރެއިން އަލުން ގުނުމުން އެ އަދަދު ވަނީ 275 އަށް ވެއްޓިފައެވެ.
މަރުވި މީހުންގެ އަދަދާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސެކްރެޓަރީ ޕްރަދީޕް ކުމާރު ޖެނާ ވިދާޅުވީ މަރުވި މީހުންގެ އަދަދު 288 އަށް އަރާނެ ކަމަށް އިންޑިއަން ރޭލްވޭއިން އަންގާފައިވާ ކަމަށެވެ.
ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ، މިހާތަނަށް ފެނިފައިވާ މަރުވެފައިވާ މީހުން ހަށިތައް އަލުން ގުނާފައިވާ ކަމަށާއި އާދީއްތަ ދުވަހުގެެ ހެނދުނު މަރުވި މީހުން އަދަދަކީ 275 ކަމަށް ރަސްމީކޮށް އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ. އަދަދު ދަށްވި ކަމަށް އޭނާ ފާހަގަކުރި ސަބަބަކީ ކުރިން ގުނިއިރު ބައެއް ހަށިތައް ދެ ފަހަރަށް ގުނިފައިވާތީއެވެ.
މަރުވި މީހުންގެ އަދަދުތައް މުޅީން ކަށަވަރުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
ބޮޑެތި އަނިޔާތައް ލިބި، 1،000 އަށްވުރެ ގިނަމީހުން އޮޑިޝާގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ. ބައެއް މީހުންގެ ހާލަތު ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ތިން ރޭލު މުޑިއެރި ގޮތާ ގުޅޭގޮތުން އޮޅުންބޮޅުން ބޮޑު ވާހަކަތައް އިންޑިއާގެ މީޑިއާގައި ދަނީ ފަތުރަމުންނެވެ.
ރޭލު އޮފިޝަލުން ވިދާޅުވެފައިވަނީ، އެކްސިޑެންޓް ހިނގާފައިވަނީ، ރޭލު ދަތުރުގެ ސިގްނަލް ދިނުމުގައި ހެދުނު ގޯހަކުން ކަމަށެވެ.
އެގޮތުން، ކޮލްކަޓާއިން ފުރައިގެން ޗެންނާއީއަށް ދަތުރުކުރި ކޮރޮމަންޑަލް އެކްސްޕްރެސް ރޭލަށް ދެވިފައިވަނީ ނުބައި ސިގްނަލެއް ކަމަށާއި، ނަތީޖާއެއްގެ ގެގޮތުން އެ ރޭލު ދަތުރުކޮށްފައިވަނީ ނުބައި ޓްރެކަކުން ކަމަށް، އޮފިޝަލުންނާ ހަވާލާދީ މީޑިއާއިން ބުނެއެވެ.
ކޮރޮމަންޑަލް އެކްސްޕްރެސް ރޭލު ގޮސް އަރާފައިވަނީ މުދާ އުފުލާ ރޭލަކަށެވެ. އެ ދެރޭލު ޖެހިފައިވަނިކޮށް ބެންގަލޫރުން ކޮލްކަޓާއަށް ދަތުރުކުރި ތިންވަނަ ރޭލު އައިސް ޖެހުނީ އެކްސިޑެންޓް ވެފައިއޮތް ދެރޭލުގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ، ރޭލު އެކްސިޑެންޓް ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވައި، އަދި އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދާ ބައެއް މީހުންނަށް ޒިޔާރަތް ކުރައްވާފައެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، މި އެކްސިޑެންޓް ހިނގުމުގައި ޒިންމާވާންޖެހޭ އެކަކުވެސް ސަލާމަތްވިޔަ ނުދެއްވާނެ ކަމަށެވެ.
ހުކުރު ދުވަހުގެރޭގެ އެކްސިޑެންޓަކީ އިންޑިއާގައި މިހާތަނަށް ހިނގި ތިންވަނައަށް އެންމެ ގިނަމީހުން މަރުވި ރޭލު އެކްސިޑެންޓް ކަމަށް އަދި ވަނީ ރެކޯޑްކޮށްފައެވެ.
1981 ވަނަ އަހަރު ބިހާރުގައި ބްރިޖެއް ހުރަސްކުރަނިކޮށް ރޭލެއް ފުރޮޅާލައިގެން ކޯރަށް ވެއްޓި 800-1،000 އާ ދެމެދުގެ އަދަދެއްގެ މީހުން މަރުވި ހާދިސާ ވެފައިވަނީ މިހާތަނަށް އިންޑިއާގައި އެންމެ ގިނަމީހުން މަރުވި ހާދިސާއަށެވެ.
ދެވަނައަށް ރެކޯޑްކުރެވިފައިވަނީ 1995 ވަނަ އަހަރު އާގްރާ ކައިރިން ފީރޯޒްއާބާދުގައި ދެ އެކްސްޕްރެސް ރޭލު މުޑިއަރައިގެން ހިނގި އެކްސިޑެންޓެވެ. މި އެކްސިޑެންޓްގައި 300 އަށްވުރެ ގިނަމީހުން މަރުވިއެވެ.