ޕާކިސްތާނުން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ، މިއަދު ޕާކިސްތާންގެ ފައިސަލް އާބާދުންް ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެން ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރޭގައިކަމަށެވެ.
އެގޮތުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.