ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގެ ތެރެެއިން ވަކީލުންގެ ޓީމެއްގެ އެހީހާއެކު ދިފާއުވުމުގެ ފުރުސަތު ދޭން މަޖިލީހުގެ އިދާރާއިން ދެކޮޅު ހަދައިފި ކަމަށް ރާއްޖޭގެ ނޫހެއްގައި ރިޕޯޓުކުރުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރައްދު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުން ނޫސްބަޔާނެއްގައި ވަނީ 5 ޖޫން 2023 ގައި، އޮންލައިން ނޫހެއްގައި ''ވަކީލުންގެ ޓީމެއް މެދުވެރިކޮށް ދިފާއުވުމަށް ރިފްޢަތަށް ފުރުޞަތެއް ނުދިން'' މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރު ދޮގުކޮށްފައެވެ.
އެ ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން 11 މޭ 2023 ގައި ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުން ސޮއިކުރައްވާ އެޓޭނާ ޖެނަރަލް އިބްރާހީމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެމާއްދާގެ (ށ)ގެ ދަށުން މައްސަލާގެ ނޯޓިސް 16 މެއި 2023 ގައި އެ މަނިކުފާނަށް ފޮނުއްވާފައިވާ ކަމަށެވެ. އެނޯޓިހުގައި ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)ގެ ދަށުން އެ މައްސަލައާ މެދު ކުރެވޭ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އެމަނިކުފާނުގެ ދިފާޢުގައި މަސައްކަތްކުރެއްވުމުގެ ހައްގު ރިފްޢަތަށް ލިބިގެންވާކަން ބަޔާންކޮށްފައިވާނެ ކަމަށްވެސް މަޖިލީހުން ނެރުން ބަޔާނުގައި ވެއެވެ.
އެމައްސަލާގެ ބަހުސްގައި ހާޒިރުވެވަޑައިގެން ވާހަކަދެއްކެވުމުގެ ބަދަލުގައި ލިޔުމުން ދިފާއު ހުށަހެޅުއްވުމަށް އެންމެ ފުރަތަމަ ނިންމަވައި އެ މަނިކުފާނު ހުށަހަޅުއްވާ ދިފާއު މަޖިލިހުގެ އިދާރާއަށް 31 މޭ 2023 ގައި ފޮނުއްވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ބަޔާނުގައި ބުނީ އެހެން ނަމަވެސް، އެ މައްސަލާގެ ބަހުސް އޮންނަ ދުވަލު މަޖިލިހަށް ހާޒިރުވެވަޑައިގެން އެ ބަހުސްގައި އަނގަބަހުން ދިފާޢުވުމަށް ގަސްދުކުރައްވާކަން ބަޔާންކުރައްވައި 4 ގޫން 2023 ގައި އެ މަނިކުފާނު ސިޓީއެއް ފޮނުއްވި ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނުގެ 3 ބޭފުޅުންނަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އެ ސިޓީގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގައި މަޖިލިސްކުރާ މާލަމަށް ވަނުމަށް ހުއްދަ ލިބިގެންވާ މީހުންގެ ތެރޭގައި "މަޖިލީހުގެ ޖަލްސާއެއްގައި ހިނގާކަމަކާ ގުޅޭގޮތުން ހުއްދަ ލިބިގެން އަންނަ ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާއާއި އޭނާއަށް އެހީތެރިވެދިނުމަށް އަންނަ އޭނާގެ ދެ މުވައްޒަފުން" ހިމެނޭކަމަށް ބަޔާންކޮށްފައިވާތީ، އެ މަނިކުފާނުގެ އަރިހުގައި މަޖިލީހުގެ ޖަލްސާއާށްވަޑައިގެންނެވޭނީ ދެ ބޭފުޅުންނަށްކަން އެ މަނިކުފާނަށް އެންގެވުމުން، އެ ޖަލްސާއަށް އެ މަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވާނެ ބޭފުޅުންގެ ނަމާއި މަގާމު ފޮނުއްވި ކަމަށް މަޖިލީހުން ބުނެފައިވެއެވެ.
މަޖިލިސްގައި ބަހުސް އޮތް ދުވަހު، އެމަނިކުފާނުގެ އަރިހުގައި އެ ދެބޭފުޅުންނަަށް ބައިވެރިވެވަޑައިގެންނެވޭނެ އިންތިޒާމް ހަމަޖައްސައިދިން ކަމާއި އެ ދެބޭފުޅުން ބައިވެރިވެވަޑައިގެންކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުން ނެރުން ބަޔާން ނިންމާލީ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމަށް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގެ ތެރެެއިން ވަކީލުންގެ ޓީމެއްގެ އެހީހާއެކު ދިފާއުވުމުގެ ފުރުސަތު ދޭން އެދިފައި ނުވާކަމަށް ބުނެއެވެ.