ބިމުގެ ގުދުރަތީ ސިފަތަކަށާއި އޭގެ މާހައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ލެބުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ޞާލިޙްގެ ޚިޠާބުގައި، ދުނިޔޭގެ ތިމާވެށްޓާއި ގުދުރަތީ ނިޒާމްތަކަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ބިމުގެ ގުދުރަތީ ސިފަތަކަށާއި އޭގެ މާހައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ދަނީ ލިބެމުންކަމަށެވެ. އަދި ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު އެއީ އިންސާނުންގެ ދިރިތިބުމަށް އޮތް ނުރައްކާތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ޚިޠާބުގައި ވިދާޅުވީ، ތިމާވެށްޓާއި ދުނިޔޭގައި ލައްވަވާފައިވާ ނިޒާމްތައް އޮޅުން ބޮޅުން ވިޔަ ނުދީ ރައްކާތެރި ކުރުމަކީ، ފަރުދީ ޒިންމާއެއް ކަމަށެވެ.

ދުނިޔެއާ ރާއްޖެއަށްވެސް އޮތް ތިމާވެށީގެ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކް އުފެއްދުންތަކުގެ ސަބަބުން ވެށި ތަޣައްޔަރުވަމުން ދިޔުންކަން ފާހަގަކުރައްވައި، އެކަމަށް ހާއްސަ ސަމާލުކަމެއްދޭންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، ޕްލާސްޓިކް އުފެއްދުންތަކުން ވެށި ތަޣައްޔަރުވިޔަ ނުދިނުމަކީ މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހެދުމަށް އެދިވަޑައިގަންނަވަމުންނެވެ. އެގޮތުން، އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއާ ހަމައަށް ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.