އަހަރެމެންގެ ތެރެއިން އެއްވެސް ދިވެއްސަކު ދިވެހިރާއްޖެ ދޫކޮށް ދާން ނޭދޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި އއ. އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމު ކަމަށާއި ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އޮފީސްތަކުގައިވެސް އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ވާހަކަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކުނީގެ މައްސަލައާއި ގޮނޑުދޮށްތައް ގިރުމާއި ފެންބޮޑުވުމާއި ފެނަށްޖެހުމުގެ މައްސަލަ ކުރިމަތިނުވާ ހަމަ އެންމެ ރަށެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ދުވަހުން ދުވަހަށް އެމައްސަލަތައް ރަށްރަށުގައި ގޯސްވަމުން އަންނަކަން މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ، އަޅުގަނޑުމެން އެކަކުވެސް ދިވެހިރާއްޖެ ދޫކޮށްދާން ނޭދޭނެ ކަމަށާއި އަދި އަޅުގަނޑުމެންގެ ދަރިންވެސް ރާއްޖޭގެ މި ނަލަނަލަ ރަށްތައް ދޫކޮށްދާން ނޭދޭނެ ކަމަށެވެ.
އެކަމަނާ ވިދާޅުވީ، ތިމާވެށީގެ މައްސަލަތަކާއި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކަށް ހައްލު ހޯދޭނީވެސް އަޅުގަނޑުމެންނަށް ކަމަށެެވެ. މިކަންކަން ހައްލުކުރަންޖެހޭނީ ދިވެހިންނަށް ކަމަށާއި ހަގީގަތަކީ މިމައްސަތަކަށް ހައްލު ހޯދައިދޭން އެހެން އެއްވެސް ބަޔަކު ނާންނާނެކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ރަށްރަށުގެ ވިލުންވެރިކަން އިތުރުކުރުމަށް އެކިދާއިރާތަކުން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެންމެ މުހިންމު ކަމަކަށް ފާހަގަކުރެއްވީ ރާއްޖޭގެ ވެށީގެ މުއްސަނދިކަމާއި މާހައުލީ ނިޒާމް އެއްކޮށް ފަނާނުވާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ކުރާ މަސައްކަތްތަކެވެ.
ރާއްޖެއަކީ ދުނިޔޭގެ ތިން އިންސައްތަ ފަރުގެ ނިޒާމް އޮތް ގައުމުކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ދުނިޔޭގެ ހަތް ވަނައަށް އެންމެ ބޮޑު ފަރުގެ ނިޒާމް އޮތް ރާއްޖޭގެ ފަރުތަކަކީ ރަށްތައް ހިމާޔަތްކޮށްދީ އަދި އާމްދަނީ ލިބޭނެ ވަސީލަތްތައް ފޯރުކޮށްދޭ މާހައުލީ ނިޒާމެއް ކަމަށެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގެ ފަރުތަކުގެ 13 އިންސައްތަ ހިމާޔަތްކުރެވިފައިވާ ކަމަށާއި ހިމާޔަތްކުރެވުނު ފަރުގެ 45 އިންސައްތަ ހިމާޔަތްކުރެވުނީ މި ސަރުކާރުގެ މި ދައުރުގެ ތެރޭގައި ކަަމަށެވެ.
ރާއްޖެއަކީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 0.03 އިންސައްތަ ހިއްސާކުރާ ގައުމެއް ނަމަވެސް ރާއްޖެ މިހާރު އަމާޒު ހިފާފައިވަނީ ނެޓް ޒީރޯ ގައުމަކަށް ވުމަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އެއީ ތަރައްގީއާއި އުފެއްދުންތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހޭދަކުރަނީ ރާއްޖެއަށް ތެޔޮ އެތެރެކުރަންކަން ފާހަހަގަކުރައްވައި މިިނިސްޓަރ ވިދާޅުވީ މި ދައުރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށެވެ.
މީގެ ސަބަބުން ތެލަށްކުރާ ހޭދައިން އެތައް ގުނަ އެއް ސަލާމަތްވެ، ސަލާމަތްވާ ފައިސާ ތައުލީމާއި ސިއްހީ ދާއިރާފަދަ ދާއިރާތަށް ކުރިއަރުވަން ހޭދަކުރޭނެކަން މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.