ތެލަސީމިއާ ޕޭޝަންޓުންނަށް ޖަހާ ޑެސްފެރަލް މާލޭން ހުސްވެއްޖެއެވެ.
މައުމޫލާތު އެނގޭ ތެލެސީމީއާ ޕޭޝަންޓެއް "ވީނިއުސް"އަށް ބުނީ މާލޭން ޑެސްފެރަލް ހުސްވެފައިވާ ކަމަށާއި އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ޑެސްފެރަލްވެސް މުއްދަތު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ތެލަސީމިއާ ޕޭޝަންޓުންނަށް ޖަހާ ޑެސްފެރަލް ރާއްޖޭން ލިބެން ނެތް ކަމަށް އޭނާ ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ޑެސްފެރަލްގެ އައު ޝިޕްމަންޓެއް ގެންނަންދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް، އައު ޝިޕްމަންޓް ލިބޭނީ މިމަހުގެ 15 ދުވަހުގައި ކަމަށް ވެއެވެ.
ޑެފެރޮކްސަމައިން ނުވަތަ ޑެސްފެރިއޮކްސަމައިން ވެސް ކިޔާ އުޅޭ، ޑެސްފެރަލްއަކީ ހަށިގަނޑުގައި ގިނަވާ ދަގަނޑުގެ ބައި ދަށްކުރަން ޖަހާ އިންޖެކްޝަނެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ރާއްޖޭން ޑެސްފެރަލް ހުސްވެފައިވަނީ ރާއްޖެއަށް މި އިންޖެކްޝަން ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ބޭސް ފޯރުކޮށްދިނުން ހުއްޓާލުމުންނެވެ.
ރާއްޖޭން ޑެސްފެރަަލް ހުސްވެގެން ތެލަސީމިއާ ޕޭޝަންޓުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާއި ގުޅިގެން ތެލަސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްއާއި މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގުޅިގެން ވަނީ އެ ޕޭޝަންޓުންނަށް މައުލޫމާތުދީ މިވަގުތައް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.