މި އަހަރުގެ ތެރޭގައި 155 މިސްކިތެއްގައި، 465 ކިލޯވޮޓުގެ ސޯލަރ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް 2023 ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުންކަމަށެވެ. އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްނުކުރެވުމަކީ، ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުންކަމަށެވެ. ކުނި މެނޭޖްކުރުމުގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ ފަތުރުވެރިކަމުގެ ޞިނާޢަތަކީވެސް ޤުދުރަތީ މުއްސަނދިކަމާއި ރީތިކަން ވިއްކައިގެން ކުރިއަރަމުން އަންނަ ޞިނާޢަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ޙިމާޔަތް ކުރެވުނު ކަނޑުގެ ސަރަޙައްދުތަކަކީވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބޭނުންވެގެން ޙިމާޔަތްކުރި މުހިންމު ޑައިވް ސަރަޙައްދުތަކެއްކަމަށެވެ. އަދި ފަހުގެ ދިރާސާތަކުން ދައްކާގޮތުން، ދިވެހިރާއްޖޭގެ ރިޒޯޓް ރަށްތަކުގެ ފަރުތަކަކީ ރަނގަޅަށް މެނޭޖް ކުރުމުގެ ސަބަބުން މާޙައުލީ ނިޒާމުގެ ޞިއްޙަތު ރަނގަޅު އަދި ދިރުންތަކުން މުއްސަނދި ސަރަޙައްދުތަކެއްކަމަށެވެ.
ދިވެހިރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެށްޓަށް ލިބޭ ގެއްލުންތަކާއި، އެއާ ވިދިގެން އަންނަ އިޤްތިޞާދީ އަދި އިޖުތިމާޢީ ނުރަނގަޅު ބަދަލުތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް އަދި ތިމާވެށްޓާ ރައްޓެހި ތަރައްޤީއަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމުކަމަށެވެ. ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ކުރާނީ ރާއްޖެފަދަ ބިންތިރި، ކުދި ޖަޒީރާ ޤައުމުތައް ކަމުގައިވުންކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުު ވިދާޅުވީ، ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަވިން ހަކަތަ އުފައްދާ 36 މެގަވޮޓްގެ ނިޒާމުތައް ވަނީ އިތުރުކުރެވިފައިކަމަށާއި، މީގެ ސަބަބުން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އަހަރަކު 17 މިލިއަން ލީޓަރު މަދުކުރެވި، ޑީސަލަށް ކުރާ ޚަރަދުން ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭކަމަށެވެ. އަދި ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުން 42,000 ޓަނު މަދުކުރެވޭނެކަމަށެވެ.
ރައީސް ވިދާޅުވީ، އިތުރު 113 ރަށެއްގައި، 68.4 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް، އެކި މަރުޙަލާގައި މިހާރުވެސް ކުރިއަށް ދާކަމަށެވެ. މި މަސައްކަތްތައް ނިމުމުން، އިޢާދަކުރަނިވި ހަކަތައިގެ ޤާބިލްކަން، ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވޭނެކަމަށާއި، މީގެ ސަބަބުން ބަޖެޓުން އަހަރަކު 908 މިލިއަން ރުފިޔާ ސަލާމަތް ކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 140,000 ޓަނު ޖައްވަށް ބޭރުނުކޮށް ފަރުޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި 155 މިސްކިތެއްގައި، 465 ކިލޯވޮޓުގެ ސޯލަރ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި އަމާޒަކީ ރާއްޖެއަކީ ހަކަތައިގެ ބޭނުންތަކަށް، ތެލަށް ބަރޯސާނުވެ އިޢާދަކުރަނިވި ހަކަތައިން ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ބޭނުންކުރާ ޤައުމަކަށް ވެގެންދިޔުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ދިވެހިރާއްޖެއަށް ގެނެވޭ ތަރައްޤީއަކީ، ވެށީގެ މުއްސަނދިކަމާއި، ރީތިކަން ބޭނުންކޮށްގެން، އެއާ އެކުއެކީގައި ކުރިއަށް ގެންދެވޭ އެއްޗަކަށް ހެދުންކަމަށެވެ. މިކަންކަމަށް މަގުފަހިކުރުމުގެ ގޮތުން، ތިމާވެށީގެ ވުޒާރާއާއި، ރެގިއުލޭޓަރީ އެޖެންސީއާއި، މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ޖަމުޢިއްޔާ، ޖަމާޢަތްތައް ބާރުވެރިކުރުވައި، އެ މުއައްސަސާތަކުން އިތުރަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.