ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަނަރ މުޙައްމަދު ހަމީދު ސިންގަޕޫރު ފުލުހުންގެ އެންޓި-ސްކޭމް ކޮމާންޑް (އޭއެސްކޮމް)ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ސީޕީ ހަމީދު ހާމަކުރެއްވި ގޮތުގައި، ސިންގަޕޫރު ފުލުހުންގެ އިދާރާއަށް އެމަނިކުފާނު ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެއިން އެތަނުގެ ކޮމާޝަލް އެފެއަރސް ޑިޕާޓްމަންޓްގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްވެރިންނާ ބައްދަލުކުރައްވާފައި ވެއެވެ.

ސީޕީ ހަމީދު ވިދާޅުވީ އެންޓި-ސްކޭމް ކޮމާންޑްގެ އިސްވެރިންނާއެކު އޮތް ބައްދަލުކުރެއްވުގައި އެ ކޮމާންޑްގެ މަސައްކަތްތައް ކުރިއަށްދާގޮތް އެބޭފުޅުން ހިއްސާކުރެއްވި ކަމަށެވެ. ސީޕީ ވިދާޅުވީ އެގައުމުގެ ބޭންކުތަކާ ގުޅިގެން އެންޓި-ސްކޭމް ކޮމާންޑުން ސްކޭމްތައް ހުއްޓުވުމަށް ކުރަމުން އަންނަނީ ވަރުގަދަ މަސައްކަތެއް ކަމަށެވެ.

ސިންގަޕޫރު ޕޮލިސް ފޯސް (އެސްޕީއެފް)ގެ އެންޓި-ސްކޭމް ކޮމާންޑް (އޭއެސްކޮމް) އަކީ ސްކޭމްތައް ހުއްޓުވުމާއި ތަހުގީކޮށް، ފިޔަވަޅު އެޅުމުގެ މަސައްކަތްތައް އެއް ޔުނިޓެއްގެ ދަށުން ކުރިއަށްގެންދިޔުމަށް ގާއިމުކޮށްފައިވާ ޔުނިޓެކެވެ.

މި ކޮމާންޑްގައި އެންޓި-ސްކޭމް ސެންޓަރާއި އެންޓި-ސްކޭމް އިންވެސްޓިގޭޝަންގެ ތިން ބްރާންޗް ހިމެނޭއިރު، ފުލުހުންގެ ހަތް ލޭންޑް ޑިވިޝަންގެ ތެރެއިން ކޮންމެ ޑިވިޝަނެއްގައި ތިބޭ ސްކޭމް ސްޓްރައިކް ޓީމްތައް ބަލަހައްޓައެވެ.

އޭއެސްކޮމް ހުޅުވަދެއްވީ 6 ސެޕްޓެމްބަރު 2022 ގައި މިނިސްޓަރ ފޮރ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން އަދި ސެކަންޑް މިނިސްޓަރ ފޮރ ހޯމް އެފެއާޒް ޖޯސެފިން ޓިއޯއެވެ.