މޮރޮކޯގައި ކުޔެވުމުގެ 20 ފުރުސަތެއް ދިވެހިންނަށް ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް، މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަނުން ބުނީ، ޕާޝިއަލީ ފަންޑް އުސޫލުން ހުޅުވާލި މި ސްކޮލަޝިޕް ސްކީމްގެ ދަށުން، ބެޗްލާސް ޑްގްރީ، މާސްޓާސް ޑްގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވޭނެ ކަމަށެވެ.
މި ސްކޮލާޝިޕްގެ ދަށުން ބެޗްލާސް ޑިގްރީ ހަދާނަމަ، ކޯހުގެ ޝަރުތުތަކުގެ ތެރޭގައި، ޖީސީއީ އޯލެވެލް އިމްތިޙާނުން 5 މާއްދާއިން "ސީ"އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުމާއި، ޖީސީއީ އޭ ލެވެލް 3މާއްދާއިން "އީ"އިން ފެށިގެން މަތީ ގްރޭޑް އެއް ހާސިލްކޮށްފައިވުން ހިމެނެއެވެ. މި ސްކޮލާޝިޕްގެ ދަށުން ބެޗްލާސް ޑިގްރީއަށް ކުރިމަތިލޭވީ އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައި ވެއެވެ.
މި ސްކޮލާޝިޕްގެ ދަށުން މާސްޓާސް ނުވަތަ، ޕީއެޗްޑީ ހަދާނަމަ، ކޯހާއި ގުޅޭ ދާއިރާއަކުން، ބެޗްލާސް އަދި މާސްޓާސް ޑްގްރީ ހާސިލްކޮށްފައިވުމާއިއެކު، ހުށަހަޅާ ޔުނިވާސިޓީއަކުން އިތުރު ޝަރުތެއް ވާނަމަ އެ ޝަރުތު ހަމަވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، މި ސްކޮލާޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓުކުރާނެ ކަމަށާއި، ނަމަވެސް ފައިނަލް ސިލެކްޝަން ހަދާނީ ކޯސް އިންތިޒާމްކުރާ ފަރާތްކަމުގައިވާ އޭއެމްސީއައި އިން ކަމަށެވެ.
މި ކޯސްތައް ކިޔަވަދޭން ފެށުމުގެ ކުރިން ފްރެންޗް ބަސް ކިޔަވާދޭން ހަމަޖެހިފައިވާ ކަމަށާއި، ކޯސްތަކުގެ ކިޔެވުން ހަމަޖެހިފައިވަނީ ވެސް ފްރެންޗް ބަހުން ކަމަށް މިނިސްޓްރީން މައުލޫމާތުދިނެވެ.
މި ސްކޮލާޝިފްގެ ދަށުން ކޯސްފީ ދިނުމަށް ހަމަޖެހިފައިވާއިރު، އެލަވެސްސެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ކޯސް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ރެޖިސްޓްރޭޝަން ފީ، ޓްރާންސްޕޯޓް ފީ ފަދަ އިތުރު ހަރަދުތައް ހަމަޖައްސަންވާނީ ދަރިވަރުން އަމިއްލައަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މި ސްކޮލާޝިޕަށް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ 13:30 އެވެ. ސްކޮލާޝިޕްގެ ވަގުތީ ނަތީޖާ އާއްމުކުރާނީ ޖުލައި މަހުގެ 9 ވަނަ ދުވަހު ކަމަށްވާއިރު، ދާއިމީ ނަތީޖާ އާއްމުކުރާނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.