ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ގަދަރަށް އުނިކަން ލިބޭ އަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒު މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްފަތުއާ ދެކޮޅަށް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފްއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ހުސެއިން ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ކަމަށާއި، ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ދެއްވި ޖަވާބުގައި މަޖިލީހަށް ހުށަހަޅަންޖެހޭނީ ރާއްޖޭގެ ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަހައްދަށް ބަދަލެއް ގެންނަނަމަ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނަށް ހުށަހެޅުނު ފުރަތަމަ އިސްލާހުގެ ދެވަނަ މާއްދާގެ (ށ)ގައި ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންކަން ވަރަށް ސާފުކޮށް، ބަޔާންކޮށްދީފަައިވެއެވެ. އެންކަމުން މިކަމުގައި މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނައިބު ދެކިވަޑައިގަތުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަކަށް އަރައިގަތުން ނޫން ކަމަށް ދެކޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް
މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް

އެހެންކަމުން މަޖިލީހުގެ ގަދަރަށް އުނިކަން އަންނާނެ ގޮތަށް ކަންތައްކޮށްފައިވާތީ އެ މައްސަލަ ބަލަން ކޮމިޓީއަށް ހުށަހެޅުމަށް ހުސެއިން ގޮވާލެއްވިއެވެ.

ރިއްފަތުއާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ގަދަރަށް އުނިކަން ލިބޭ އަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފައިވާއިރު، 48 މެމްބަރުންގެ އަގުލަބިއްޔަތުން އެ މައްސަލަ ވަނީ މަޖިލީހުން ބެރުކޮށްލާފައެވެ. އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.