އެންމެ ފަހުން ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލުގައިވާ އަދަދުވެސް އާންމުކޮށް ކަރަންޓު ބިލަށް އަރާ ވަރަށް ވުރެ ބޮޑުތަނުން އިތުރުވެގެން އާންމުން ޝަކުވާކުރަން ފަށައިފިއެވެ.

ސޯޝަލްމީޑިއާގައި ބައެއް މީހުން ސްޓެލްކޯއިން ފޮނުވި މެއި މަހުގެ ކަރަންޓު ބިލް އިންތިހާއަށް ބޮޑު ކަމަށް ބުނެ ނުރުހުންފާޅުކޮށްފައެވެ.

ނިމިދިޔަ އޭޕްރީލް މަހާއި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައްކަމަށް ކަމާ ބެހޭ އިދާރާތަކުން ލަފަކޮށްފައިވާތީ ކަރަންޓު އިގްތިސާދުކުރުމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މައި ކުންފުނި ސްޓެލްކޯއިން އައީ މާޗްމަހުން ފެށިގެން އެދެމުންނެވެ.

ސްޓެލްކޯއިން ބުނަމުން އައީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ކަމަށް ލަފާކުރެވޭ އޭޕްރީލް މަހާއި މެއި މަހު ކަރަންޓު ބޭނުންކުރާ މިންވަރުވެސް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމަށްވުމާއިއެކު ކަރަންޓް ބޭނުންކުރުމުގައި ސަމާލުވެ ކަރަންޓް އިގްތިސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިންވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކޮންމެ ހޫނު މޫސުމެއްގައިވެސް ސްޓެލްކޯގެ ކަަރަންޓު ބިލު ބޮޑުވާ މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ.

މިކަމާ ގުޅިގެން "ވީނިއުސް"އިން ސުވާލުކުރުމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، ބިލްކޮށްފައި ވާނީ ބޭނުންކުރި ކަރަންޓަށް ކަމަށެެވެ. ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން ސްޓެލްކޯއިން އެދުނު ނަމަވެސް ބައެއް ގޭބިސީތަކުން އެގޮތަށް އަމަލުކޮށްފައިނުވާކަން ފާއިތުވި ދެ މަހު ނެގި ރީޑިންތަކުން ހާމަވެގެންދާ ކަމަށެވެ.

ކަރަންޓު އިގުތިސާދުކޮށްފިނަމަ 15 އިންސައްތައާއި 20 އިންސައްތައަށް ކަރަންޓު ބިލު ކުޑަކުރެވޭނެކަމަށް ދިރާސާތަކުން ދައްކައެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ސްޓެލްކޯގެ މޯބައިލް އެޕުންވެސް ބަލާލެވޭނެ ކަމަށާއި ޔޫސޭޖް ގްރާފަށް ކުއްލި ބަދަލެއް އައިސްފި ނަމަ ސްޓެލްކޯއިން ދެ ވަނަ ރީޑިންއެއް ނަގައި ފުރަތަމަ ނެގި ރީޑިން ރަނގަޅުތޯ ކަށަވަރުކުރާނެ ކަމަށެވެ.