ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިންގައިފިއެވެ.

މިކަންހާމަކޮށް، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، ހުޅުމާލޭ ނިރޮޅު މަގުން ދުއްވާފައިދިޔަ ކާރެއް، ޕާކްކޮށްފައިހުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު އެ މުވައްސަސާއަށް ލިބުނީ، ރޭ 20:52 ހާކަންހާއިރު ކަމަށެވެ.

އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި، ނަމަވެސް އެކްސިޑެންޓްގައި 6 ސައިކަލާއި، ބައިސްކަލަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، ރާއްޖޭގައި އެގްސިޑެންތައް ހިނގާ މިންވަރު ދަނީ އާއްމުވަމުންނެވެ. އެގޮތުން ފާއިތުވި މޭމަހުގެ 26 ވަނަ ދުވަހުގެ ރޭ ސިނަމާލެ ބްރިޖާ ގުޅޭ ހަލި މަގުގައި މާލެ އިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.

އެ ހާދިސާއާ ގުޅޭ ތަފްސީލް ހިއްސާކޮށް، ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގާފައިވަނީ، ހައިވޭގެ މާލެއިން ހުޅުމާލެއަށްދާ ފަޅިން، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުގައި މަގަށް ދަތިވާގޮތަށް ހުއްޓިފައިއޮތް ކާރެއް ނެގުމަށް ފުލުހުންގެ ޕިކަޕެއް މަޑުކޮށްގެން އޮއްވައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ޕިކަޕުގެ ފަހަތުގައި ޖެހިގެން ކަމަށެވެ.