ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް 10 ވަނަ އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޑީއޯއޭޖީއަށް 10 ވަނަ އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ހަލީލެވެ. އަދި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑް މިޝަން ޑައިރެކްޓަ ގެބްރިއަލް ގްރައުއެވެ.

މި އެއްބަސްވުމަކީ 2019 ވަނަ އަހަރު މާޗު މަހު ސޮއިކޮށްފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް އެކެވެ. މި އެއްބަސްވުމުގެ ދަށުން އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީ އެމެރިކާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދޭނެއެވެ.

މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ރާއްޖޭގެ އިގްތިސާދީ އަދި ޑިމޮކްރެޓިކް ވެރިކަމުގެ ހަރުދަނާކަން އިތުރުކުރުމަށެވެ. 10 ވަނަ އިސްލާހުގައި ސޮއިކުރުމާއެކު ފަންޑިންގެ ޖުމްލަ އަގު 36.1 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

ޑީއޯއޭޖީގެ 10 ވަނަ އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ޔޫއެސްއޭއައިޑީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.