އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނު އުކުޅަހަށް ދަތުރުފުޅެއްކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަތީ މިއަދުއެވެ.
2023 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނަސް، ތިމާވެށްޓާއި ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރުން ކަމުގައެވެ.
ރައީސް ޞާލިޙް އއ. އުކުޅަހަށް ކުރެއްވި މި ދަތުރުފުޅުގައި “ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލަށް އެމަނިކުފާނު ޒިޔާރަތްކުރެއްވެވިއެވެ. މި ފެސްޓިވަލުގައި ކުނި ރިސައިކަލް ކުރުމާއި، ކުނި ނައްތާލުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ރީސައިކަލްކޮށްފައިވާ ޕްލާސްޓިކުން ހަދާފައިވާ ޑިސްޕްލޭތައް ދައްކާލާފައިވެއެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި ފަހު ކަމަކަށް ރައީސް ޞާލިޙް ވަނީ އއ. އުކުޅަސް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ އިޤްތިޞާދީ ތަރައްޤީއާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.