ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މިއަދު ކުރިޔަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖްކޮށްފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި މަޖިލީހަށް ހާޒިރުވެގެން ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ބަންޑާރަނައިބުވަނީ އިއްޔެގެ މަޖިލީސް ޖަލްސާގައި މެމްބަރުގެ ސުވާލުތަކަށް ޖަވާބުދޭން މަސައްކަތްކުރައްވާފައެވެ. އެހެންނަމަވެސް މެންބަރުން އަޑުގަދަކޮށް ނިޒާމީ ނުކުތާ ނަގަންފެށިއެވެ.

މިއަދުގެ ޖަލްސާގައި، ބަންޑާރަނައިބު ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ގަދަރަށް އުނިކަން ލިބޭ އަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން އިމްތިޔާޒު މައްސަލައެއް ވަނީ ހުށައަޅާފައެވެ. އެމައްސަަލައާއެކު ނިޒާމީ ނުކުތާ ތަކުރާރުކޮށް ނަންގަވަން ފެށުމުން ރައީސް ނަޝީދު ވިދާޅުވީ، ބަންޑާރަނައިބުގެ މައްސަލަ މިވަގުތު ކުރިޔަށް ނުގެންދަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމަށެވެ.

ރައީސް ނަޝީދުގެ މި ނިންމެވުމާއި ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން، އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ރިޔާސަތު މޭޒުދޮށަށް އެއްވެ އިހުތިޖާޖްކޮށްފައެވެ.

އާދެ އަޅުގަނޑު ގަސްތުކުރަނީ ބަންޑާރަނައިބުގެ މައްސަލަ މިވަގުތު ނުހިންގަން. އަޅުގަނޑު ގަސްތުކުރަނީ އެޖެންޑާ އައިޓަމް 6.1 އަށް ބަދަލުވާން. އަޅުގަނޑު މި ފުރުސަތު އަރުވަނީ އެޖެންޑާ އައިޓަމް 6.1އަށް ބަހުސް ކުރުމަށް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރިޔާސަތު މޭޒުދޮށަށް އެއްވެ އިހުތިޖާޖްކުރުމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މެމްބަރުން މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހެދުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވާފައެވެ. މައްސަލަ ކުރިޔަށް ނުގެންދިޔުމުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ.

މެމްބަރުން އިހުތިޖާޖްކުރަން ފެށުމުން، މަޖިލީހުގެ ރައީސް ވަނީ ސައިގެ ގަޑިއަށް މަޖިލިސް މެދުކަނޑާލާފައެވެ. ސައިގެ ވަގުތަށް ފަހުވެސް މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.