މަޑުން ތިބެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ޝަރަފްގައި ވެރިކަންކޮށް ފަސް އަހަރު ހަމަކުރަން ޖާގަ ދޭންވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދި ދެކުނު ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދެކުނު ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަށް ކެމްޕެއިނަށް ހާއްސަކޮށްގެން މި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިލްހާމް ވިދާޅުވީ ވެރިކަން ކުރަން އިހުތިރާމާއެކު ފަސް އަހަރު ދީގެން ތިބޭނެ ކަމަށާއި އެހެންނަމަވެސް "ޓަޗް" ނުކުރައްވާ ވެރިކަން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.
އިލްހާމް ވަނީ ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރާހިނދު އެއީ ސަރުކާރުން ކުރި ކަމެއްގެ މެޑެލް ޖަހާ އޭގެ އެއްވެސް ހިއްސާއެއް ކޯލިޝަނަށް ނުދެއްވާތީ ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރުގެ ގޯސްކަމެއް ފެންނަ ހިނދު ކޯލިޝަން ޒިންމާ ނަގަންޖެހޭތީ އެކަމަށް ވެސް އިލްހާމްވަނީ ފާޑުވިދާޅުވެފައެވެ.
އިލްހާމްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ކުރާ "ޖެއްސުމުން" މިސާލުދައްކަވައި ގާސިމް އިބްރާހިމް ވެރިކަމަށް ކުރިމަތިލެއްވުމުން އެމަނިކުފާނަށް ސަރުކާރުން ކިހާ ފުރައްސާކުރައްވާނެތޯ ސުވާލު އުފައްދަވާފައެވެ.
އަދި ވެރިއެއްގެ ގޮތުގައި އޮނަރަބަލް ގާސިމް އިބްރާހިމް ޓެސްޓްކޮށްލަން ލިބޭ ފުރުސަތު ނަގާނުލެއްވުމަށް އިލްހާމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.