މި އަހަރު ދިވެހިރާއްޖެއިން ހައްޖަށް ދާ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
1444 ވަނަ އަހަރު ދިވެހިރާއްޖެއިން ވަޑައިގަންނަވާ ޙައްޖުވެރިންނަށް ޚިދުމަތްދޭ ކުންފުނިކަމުގައިވާ "އަލް ބައިތު ގެސްޓްސް" އާ ދިވެހި ޙައްޖު މިޝަނުން ބައްދަލުކޮށް ކުރެއްވި މަޝްވަރާތަކުގައި ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި، މީނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުންވަނީ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.
އަދި މީގެ އިތުރުން ކުރީ އަހަރުތަކުގައި ދެވުނު ޚިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުންފުނީގެ ސަމާލުކަމަށް ހައްޖު މިޝަނުންވަނީ ގެނެސްފައެވެ.
މި މަޝްވަރާތަކުގައި ޙައްޖުވެރިންނަށްދޭ ޚިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފާހަގަ ކުރައްވަމުން "އަލްބައިތު ގެސްޓްސް" ގެ މެނޭޖިން ޑިރެކްޓަރު އުސާމާ ޢަބްދުﷲ ދާނިޝް ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު މިނާ އަދި ޢަރަފާތުގައިވެސް ދިވެހި އެންމެހައި ޙައްޖުވެރިން ތިބޭނީ އެއް ސަރަޙައްދުގައި ކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅުވާނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.
މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ "އަލް ބައިތު ގެސްޓްސް"ގެ މައި އޮފީހުގައެވެ.
މި ބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަން ހުރިހައި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.