ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ކުރިއަށް ނުގެންދެވޭވަރަށް މިއަހަރު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ މިމަހުގެ 7 ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މި ސަރުކާރުން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށާއި އެގޮތުން އެހެން ސަރުކާރުތަކުން މީގެ ކުރިން ކުރިއަށް ނުގެންދާހާ ގިނަ ޕްރޮގްރާމްތައް މިސަރުކާރުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން އެކިއެކި ދާއިރާތަކަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި މީހުން ބިނާކުރުމުގެ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ޚާއްސަކޮށް ދީނީ ޕްރޮގްރާމްތަކަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަން ފާހަގަކުރައްވާ އެކަމަށްޓަކައި އެމަނިކުފާނުވަނީ ދީނީ ޢިލްމުވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ. މިއަހަރު ކުރިއަށް ގެންދެވުނު ދީނީ ގިނަ ޕްރޮގްރާމްތަކަށް ބައްލަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ދީނީ ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ސްކޫލުދަރިވަރުންނަށާއި ޢާންމުނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމެއްކަމަށެވެ.

"އަޅުގަނޑު އެހެން މި ދަންނަވަނީ އަޅުގަނޑުމެން ކަންކަމާ ވިސްނަން. އަޅުގަނޑުމެންނަށް އެބަފެނޭ މުޅި ދުނިޔެއަށް އަންނަ ބަދަލުތައް. އޭގެ ސަބަބުން އަޅުގަނޑުމެންގެ ގައުމަށް ކުރާ އަސަރު. އެކަންކަމަށް އަޅުގަނޑުމެން ހޭލާ ތައްޔާރުވެގެން ނެތިއްޔާ ލިބޭ ގެއްލުން މާ ބޮޑު. ދީނީ ހުރިހާ ކަމެއްގައި ސަރުކާރުން މަޝްވަރާ ކުރާނެ."
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް

މި ސަރުކާރަކީ ކޮންމެ ކަމެއްގައިވެސް މަޝްވަރާއާއި ލަފާ ހޯދައިގެން ޤައުމު ބިނާކުރުމުގެ މަސައްކަތްކުރާ ސަރުކާރެއްކަން ފާހަގަކުރައްވާ މި މަސައްކަތުގައިވެސް ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމުވަނީ ކުރިއަށް އޮތް ޖީލުތަކަށްވެސް މިފަދައިން ޢިލްމު ފޯރުކޮށްދިނުމުގައި ޢިލްމުވެރިން ދެމި ތިއްބެވުމަށް އެދިވަޑައިގެން އެ ޖީލުތަކަކީ ހެޔޮ، އަޚްލާޤު ރަނގަޅު ޖީލުތަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި އެކަމުގައިވެސް ޢިލްމުވެރިންގެ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް ވަނީ ޢިލްމުވެރިންގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

އަދި މިދިޔަ ރަމަޟާންމަހަކީ މީގެ ކުރިން އެއްވެސް އިރަކު ކުރިއަށް ނުގެންދާހާ ގިނައިން ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވުނު މަހެއްކަން ފާހަގަކުރައްވައި، އެކަމުގައި ސްކޫލުތަކުގެ ދަރިވަރުންވެސް ޝާމިލުކުރެވުނުކަމަށްޓަކައި އުފާފުޅުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެއީ މިނިސްޓްރީއާއިއެކީ ޢިލްމުވެރިން ކުރިއަށް ގެންދެވި ބުރަ މަސްއޫލިއްޔަތުގެ ނަތީޖާކަމަށާއި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވުމަށްޓަކައި ޢިލްމުވެރިން ރަމަޟާންމަހެކޭ އެއްގޮތަށް އެހެން މަސްމަހުގައިވެސް އުފުއްލަވަމުންދާ ޒިންމާތައް ފާހަގަކުރައްވައި އެކަމަށްވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

1444ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށް، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ވޯކްޝޮޕްތައް ބޭއްވިފައިވާއިރު ރަމަޟާންމަހު މާލެއާއި އަތޮޅުތަކުގައި، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އިޙްޔާ ފޯރަމްތަކުގެ ޖުމްލަ 20 ފޯރަމް ބާއްވާފައިވެއެވެ.

އަދި 32 މިސްކިތެއްގައި އަޞުރު ނަމާދަށްފަހު ދަރުސް ދެއްވާފައިވާއިރު 244 ދަރުސް ޢިލްމުވެރިންވަނީ ދެއްވާފައެވެ. މީގެ އިތުރުން އަތޮޅުތަކަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ ދިނީ ޕްރޮގްރާމްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކައުންސިލްތަކާއި ރިސޯޓްތަކުގެ އެދިލެއްވުމަށް ކުރިއަށް ގެންދެވިފައިވާ ދީނީ ޕްރޮގްރާމްތަކާއި ރަމަޟާންމަހު އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އައުޓްރީޗް ޕްރޮގްރާމްތަކަކީވެސް މީގެތެރޭގައި ފާހަގަކޮށްލެވޭ ބައެއް ޕްރޮގްރާމްތަކެވެ.